ކޮވިޑް-19 އާ ގުޅިގެން އެކުލަވާލައިފައިވާ ސިއްހީ ގަވާއިދުތަކަށް އަމަލު ނުކުރުމުން ބްރެޒިލްގެ ރައީސް، ޖެއާ ބޮންސެރާނޯ ޖޫރިމަނާ ކޮށްފިއެވެ.

ބްރެޒިލްގެ މަރަންހާއޯ ސްޓޭޓުގެ ގަވަރުނަރު، ފްލެވިއޯ ޑީނޯ ކުރި ޓްވީޓެއްގައި ވިދާޅުވީ އެގައުމުގެ ރައީސް ޖޫރިމަނާ ކޮށްފައިވަނީ ކޮވިޑުން ދިފާއުވުމަށް އެކުލަވާލައިފައިވާ ގަވާއިދުތަކަށް ނުބަލައި އެ ސްޓޭޓުގައި އާންމު އެއްވުމެއް ބޭއްވުމުން ކަމަށެވެ. ޑީނޯ ވިދާޅުވީ އެންމެން ވެސް ސިއްހީ ގަވާއިދުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. ބްރެޒިލްގެ ރައީސް އެ އުސޫލުތަކާއި ހިލާފުވެ އެއްވުމެއް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ޖޫރިމަނާ ކުުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް އޮފީހަށް ޖޫރިމަނާ އިސްތިއުނާފަށް ހުށަހެޅުމަށް ލިބޭނީ 15 ދުވަސް ކަމާއި، ޖޫރިމަނާ ކުރާނެ އަދަދު ކަނޑައަޅާނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މަރަންހާއޯ ސްޓޭޓުގައި އެއްވުން ބާއްވާފައިވަނީ 100 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ކޮށްފައިވަނިކޮށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ގައުމު ފުރަބަންދު ކުރަން ހުށަހެޅުމުން އެކަމަށް ބޮންސެރާނޯ ދެކޮޅު ހެދުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ދުނިޔެެއިން ކޮވިޑް ފެނުނު ފަހުން އެގައުމުން މިހާތަނަށް އެތައް ބަޔަކަށް ބަލި ޖެހި، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 446,000 އަށް އަރާފައެވެ.

މިދިޔަ މަހު ބްރެޒިލްގެ ސެެނެޓުން ވަނީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ބޮންސެރާނޯގެ ސަރުކާރުން އަމަލްކުރި ގޮތް ތަހުގީގް ކުރަން ފަށާފައެވެ. ހުކުރު ދުވަހު ބްރެޒިލްގެ ސެނެޓުން އާންމު ކުރި މައުލޫމާތުގައި ބުނެފައިވަނީ ބޮންސެރާނޯ އެއްވެސް އިރެއްގައި ކޮވިޑް ވެކްސިން ގަންނަން ބޭނުން ނުވާ ކަމަށެވެ.