އިންޑިއާ އިން މީސް މީޑިއާ ޕްލެޓްފޯމްތަކުން އަމަލު ކުރަންޖެހޭ ގޮތަށް ހެދި ގާނޫނުތަކަށް ޓްވިޓާއިން އަމަލުކުރަން ނުފަށައިގެން އެ ގައުމުން ޓްވިޓާއަށް ފަހުގެ އިންޒާރު ދީފިއެވެ.

އިންޑިއާއިން ފެބްރުއަރީ މަހު އެކުލަވާލި އައު ގަވާއިދުތަކަށް ޓްވިޓާ، އަލްފަބެޓްއިންކްގެ ގޫގުލް އަދި ޔޫޓިއުބް، ފޭސްބުކް އަދި ވަޓްސްއެޕުން އަމަލުކުރުމަށް އަންގާފައެވެ. އެ ގާނޫނުތަކަށް އަމަލު ނުކުރާނަމަ އަދަބެއްގެ ގޮތުން ޖަލު ހުކުމެއް ކަނޑައެޅިފައިވެއެވެ.

"ޓްވިޓާއިން އިންޑިއާގެ ގާނޫނުތަކަށް ބޯނުލެނބުމުން އަންގައިދެނީ އިންޑިއާ ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމާއެކު ޓްވިޓާ ބޭނުންކުރަން އެ ކުންފުނިން ބޭނުން ނުވާކަން" އިއްޔެ އެގައުމުގެ މިނިސްޓްރީ އޮފް އިލެކްޓްރޮނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިދިޔަ މަހު ފުލުހުން ވަނީ އިންޑިއާގެ ވެރި ރަށް ދިއްލީގައި ހުންނަ ޓްވިޓާ އޮފީހަށް ގޮސް ނޯޓިސްއެއް ދީފައެވެ. މި ނޯޓިސް ދީފައިވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ލީޑަރުންތަކެއް ޓްވީޓްކުރި މައުލޫމާތުތަކެއްގައި ހިމެނެނީ ދޮގު ވާހަކަތަކެއް ކަމަށް ޓްވިޓާއިން ބުނުމާ ގުޅިގެންނެވެ.

ޓްވިޓާއިން ވަނީ ފުލުހުންގެ މި އަމަލާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކުންފުނިން ބުނީ ފުލުހުންގެ އެ އަމަލަަކީ ހިޔާލު ފާޅުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭނީ ޓްވިޓާ ފަދަ އަމިއްލަ ކުންފުންޏަކުން ނޫން ކަމަށެވެ.

އިންޑިއާއިން ވަނީ އެގައުމުގައި ހަދާފައިވާ ގާނޫނުތަކަށް އަމަލު ނުކުރާނަމަ އެކަމުގެ ނަތީޖާއާއި ކުރިމަތިލާން ތައްޔާރުުމަށް ޓްވިޓާއަށް އަންގާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޓްވިޓާއިން ގާނޫނުތަކަށް ބޯނުލަނބާ ނަމަ، ނައިޖީރިއާ އެކޭ އެއްފަދައިން އިންޑިއާގައި ވެސް ޓްވިޓާ ބޭނުންކުރުން މަނާ ކުރުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނޑުކޮސް

    އިންޑިއާއިން ބޭނުންހާކަމެއް ދިވެހިރާއްޖޭގައި ކުރެވޭހެން ހުރިހާކަމެއް ނުކުރެވޭނެއެވެ.
    މިތާގައި އޮތްވެރިކަމަކީ އިންޑިއާއިން ހަރަދުކޮއް ވޯޓާ ސޯޓާ ކޯޓާ ހުރިހާ ބާރެއް ގަނެގެން ތިންބާރު އެވެރިންގެ މުށުތެރެޔައް ލައިގެން ހިންގާ ވެރިކަމެކެވެ.
    ރައްޔިތުންނައް ލިބެނީ އެވެރިންގެ މުށުތެރޭގައި އޮތް ތިންބާރުފިތާލީމަ އެވެރިންގެ ދެއިނގިލި ދޭތެރޭން ފޭދިގެން ޖަހާ ތިއްކެއް އެކަންޔެވެ.

    28