އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދައުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ފޯނުގައި ހުރި ޒާތީ މައުލޫމާތު ހޯދައިދޭން ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން އެދުނު ކަމަށް އެޕަލް ކުންފުނިން ބުނެފިއެވެ.

އެޕަލްއިން ބުނީ ކޯޓު އަމުރަކާއެކު 2018 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ފޯނު ކޯލުގެ މައުލޫމާތާއި އީމެއިލް އެޑްރެސް ހޯދަން އެދިފައިވާ ކަމަށެވެ. އެއާއެކު ބައެއް ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން މައުލޫމާތު ހޯދަން އެދިފައިވާ ބައެއް މެމްބަރުންގެ މައުލޫމާތު އެޕަލްއިން ހިއްސާކުރި ކަމަށާއި، މައުލޫމާތު ހޯދަން އެދިފައިވާ ހުރިހާ މެމްބަރުންނަކީ އެޕަލްގެ ކަސްޓަމަރުން ނޫން ކަމަށް ބުނެފައިވެއެވެ.

ޓްރަމްޕުގެ ސަރުކާރުން ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ ފޯނުގެ މައުލޫމާތު ހޯދަން އެދުނުއިރު އެއީ ކޮން ބަޔަކު ބޭނުންކުރާ ފޯނެއްކަން ނުވަތަ އީމެއިލްއެއްކަން އެޕަލް ކުންފުންޏަށް އެނގިފައެއް ނުވެއެވެ. އަދި އެ ކުންފުނިން ބުނީ މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ކޯޓު އަމުރުގައި މެމްބަރުންގެ މައުލޫމާތު ހޯދަން ބޭނުންވަނީ ކޮން މައްސަަލައެއްގެ ތަހުގީގާ ގުޅިގެންކަން ހާމަކޮށްފައި ނުވާ ކަމަށެވެ.

އެޕަލްގެ ތަރުޖަމާނު ފްރެޑް ސައިންޒް ދިން ބަޔާނުގައި ބުނެފައިވަނީ މެމްބަރުންތަކުގެ ފޯނުގެ މައުލޫމާތު ހޯދަން އެދިފައިވަނީ ވަކި މެމްބަރެއްގެ ޒާތީ މައުލޫމާތު ހޯދަން އަމާޒުކޮށްގެންކަން ފާހަގަ ވެފައިނުވާ ކަމަށެވެ.

ޓްރަމްްޕް ސަރުކާރުގެ އެދުމުގެ މަތިން އެޕަލްއިން މެމްބަރުންގެ ފޯނުގެ މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނި ނަމަވެސް، ފޯރުކޮށްދީފައިވަނީ ކިހާވަރެއްގެ މައުލޫމާތެއްކަން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން މައުލޫމާތު ހިއްސާކުރިކަން ވެސް މެމްބަރުންނަށް އަންގާފައިނުވެއެވެ. މިދިޔަ ހުކުރު ދުވަހު މި ކަމާއި ގުޅިގެން އެޕަލްއިން ބަޔާނެއް ނެރެފައިވަނީ ނިއުޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ހަބަރަކަށް ރައްދުދެމުންނެވެ. ނިއުޔޯކްޓައިމްސްގައި ލިޔެފައިވަނީ ޑިމޮކްރަޓިކް ޕާޓީގެ ބައެއް މެމްބަރުންގެ މައުލޫމާތު ހޯދަން ޓްރަމްޕް އަމުރުކުރި ކަމަށެވެ.

އެޕަލްއިން ބުނަނީ ލިބިފައިވާ އަމުރަށް ބަލައި، އެ ކުންފުންޏަށް ލަފާކުރެވެނީ އެހެނިހެން ޓެކް ކުންފުނިތަކަށް ވެސް ސަރުކާރުން އެ މައުލޫމާތު ހޯދުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު 2017 ވަނަ އަހަރު ޕާސަނަލް އީމެއިލްއެއްގެ މައުލޫމާތު ހޯދުމަށް މައިކްރޮސޮފްޓް ކުންފުންޏަށް އަމުރު ކޮށްފައިވެއެވެ.