ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ސިލްވާނުގައި ދިރިއުޅޭ 120 އާއިލާއެއް މަގުމަތިކުރުމަށް ފަހު އެ ސަރަހައްދުގައި ޔަހޫދީންގެ ދީނީ ޕާކެއް އަޅަން ނިންމައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ސަރަހައްދަކީ ދާއޫދުގެފާނު ބަގީޗާއެއް ގެންގުޅުއްވި ސަރަހައްދެކެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއިލުގެ ޔަހޫދީ ސަރުކާރުން ސިލްވާނުގައި ދީނީ ޕާކެއް އަޅަން ނިންމުމާއެކު އެސަަރަހައްދުގައި ފަލަސްތީނުގެ 120 އާއިލާއެއްގެ ގެދޮރު ގެއްލި 1،500 އެއްހައި މީހުން މަގުމަތިވެފައިވެއެވެ. އެ ސަަރަހައްދުގައި ފަަލަސްތީނުގެ މީހުން ދިިރިއުޅުމަށް 100 އަށް ވުރެ ގިނަ ގެދޮރު ބިނާކޮށްފައިވާއިރު، ޕާކު އެޅުމަށް އެ ސަރަހައްދު ހުސްކުރާ އިރު އިމާރާތްތައް ނުރައްކަލަކަށް ހުށަހެޅެއެވެ.

ފަލަސްތީނުގެ އާއިލާތައް ދިިރިއުޅެމުން އައި 13 އަށް ވުރެ ގިނަ ގެދޮރަކީ ޔަހޫދީ ސަރުކާރުގެ ހުއްދަ ނުނަގާ އިމާރާތް ކޮށްފައިވާ ތަންތަން ކަމަށް ބުނެ 21 ދުވަހުގެ ތެރޭގައި އިމާރާތުން ނުކުތުމަށް އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކަށް ކޯޓުން ހުކުމްކޮށް ވަނީ އަންގައިފައެވެ.

ޔަހޫދީ ސަރުކާރުން ނިންމުމާ ދެކޮޅު ހަދައި ސޯޝަލް އެކްޓިވިސްޓުން ބުނަމުން އަންނަނީ ފަލަސްތީނުގެ އާއިލާތައް ދިރިއުޅޭނެ އިތުރު ތަނެއް ނުދައްކައި 21 ދުވަހުގެ ތެރޭގައި އިމާރާތް ދޫކޮށް ނިކުންނަން އެންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކުން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޔަހޫދީން ވަޒަންވެރިވުން މަނާކޮށްފައެވެ. އެ ސަރަހައްދަކީ އިސްރާއިލުގެ ސަރަހައްދެއް ކަމަށް ބައިނަލްއަގްވާމީ ގާނޫނުތަކުން ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް، އިސްރާއިލުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދަކީ އިސްރާއިލުގެ ވެރި ރަށަށް ހެދުމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ފަލަސްތީނުގެ އާއިލާތައް ސިލްވާނުގައި ދިރިއުޅެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި އެތަނުގައި ގެދޮރު އިމާާރާތް ކުރުމަށް ވަކި ހުއްދައެެއް ހޯދާކަށް ނުޖެހެއެވެ.