ޗައިނާގެ ޒިންޖިއާން އަކީ ސޯލާ ޕެނަލް އުފައްދަން ބޭނުންކުރާ ބައިތައް އުފައްދާ މައި ހަބަކަށް ވަނީ ވެފައެވެ. އެތަނުގައި އުފައްދާ ތަކެތި އުފެއްދުމަށް ޗައިނާ ސަރުކާރުން ޒިންޖިއާންގައި ބަންދުކޮށްގެން ގެންގުޅޭ އުއިގާ މުސްލިމުން ލައްވައި ގަދަބާރުން މަސައްކަތް ކުރުވާ ކަަމަށް ބުނެ މީގެ މަހެއްހައި ދުވަސްކުރިން ތުހުމަތު ކޮށްފައިވެއެވެ.

މި ތުހުމަތުކޮށް ސީއެންއެން ބިޒްނަސްގައި ޝާއިއު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ސޯލާ ޕެނަލް ހެދުމަށް ބޭނުންކުރާ ޕޮލީސިލިކޯން ޒިންޖިއާންގައި އުފައްދަނީ އެތަނުގައި ބަންދު ކޮށްފައި ތިބި މުސްލިމުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވައިގެން ކަމަށެވެ.

މީގެން ކުރިން ވެސް އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރާ ފަރާތްތަކުން ވަނީ މި ތުހުމަތުކޮށް އަޑު އުފުލައިފައެވެ. އެކަމަކު ޗައިނާގެ ފޮރިން އެފެއާޒްގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ހޮޝިން ސިލިކޮން އިންޑަސްޓްރީ ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ތަކެތި ބްލޮކް ކުރާނެ ކަމަށެވެ. އެ ކުންފުންޏަކީ ޒިންޖިއާން ސަރަހައްދުުގައި އޮޕަރޭޓް ކުރަމުންދާ ކުންފުންޏަކަށް ވެފައި، އެމެރިކާއިން ތުހުމަތު ކޮށްފައިވަނީ ގަދަބާރުން އެ ކުންފުންޏަށް މީހުން ލައްވައި މަސައްކަތް ކުރުވަމުންދާ ކަމަށެވެ. މި ކުންފުންޏަކީ އެ ސަރަހައްދުގައި ގިނަ ކުންފުނިތަކަކަށް ތަކެތި ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.

ޗައިނާގެ އެތައް ކުންފުންޏަކަށް އެމެރިކާއިން މި ތުހުމަތު ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް، ސޯލާ ޕެނަލް އުފައްދަން ބޭނުންވާ ބައިތައް އުފައްދާ ކުންފުނިތަކާއި ގުޅިގެން ޗައިނާއަށް ގައުމުތަކުން ކުރަމުންދާ ޕްރެޝަރު ބޮޑެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ހަކަތަ ހޭދަވާ މިންވަރު މަދުކުރުމުގެ މަސައްކަތުގައި ސޯލާ ޕެނަލް އަކީ އެންމެ މުހިންމު އެކައްޗެކެވެ. ވައިޓް ހައުސްއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ނިންމާފައިވަނީ ޗައިނާގައި ގަދަބާރުން މީހުން ލައްވާ މަސައްކަތް ކުރުވަމުން ދާތީ އެކަމަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އެމެރިކާއިން ޗައިނާގެ ކުންފުނިތަކުގައި އެދިފައިވަނީ ގަދަބާރުން މަސައްކަތް ކުރުވާކަމަށް ބުނާ ތުހުމަތު ދޮގުކުރާ ނަމަ އެކަމަށް ހެއްކެއް ދެއްކުމަށެވެ.