އެމެރިކާގެ ރައީސް ޖޯ ބައިޑަން އަކީ އެއްވެސް އެއްޗެއް ނުދަންނަ ނާގާބިލް ގަމާރެއް ކަމަށް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށްފައިވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.

ބައިޑަންއަށް ފާޑުކިޔަމުން ޓްރަމްޕް ބުނީ ބައިޑަން އަކީ ގަމާރު އަދި ގާބިލްކަމެއްނެތް މޮޔައެއް ކަމަށާއި އޭނަގެ ކަންތައް ހުންނަ ގޮތުން އެމެރިކާ 3 ވަނަ ބޮޑު ހަނގުރާމައަށް ވެއްޓިގެންދަނީ ކަމަށެވެ.

ބައިޑަން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް އޭގެ ގެއްލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. އެގޮތުން އެފްބީއައި ބޭނުން ކޮށްގެން އެކިއެކި ސިޔާސަތުތައް ހަތިޔާރަކަށް ހެއްދެވުމާއި ތިމާވެށީގެ ނުރައްކާތަކަށް ގައުމު ހުށަހަޅުން ގެންދިޔުން ފަދަ ކަންތައްތައް ދިމަާވަނީ ބައިޑަންގެ ނާގާބިލް ކަމުުންކަމަށް ޓްރަމްޕް ބުންޏެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ވެރިކަމާއި ހަވާލުވާތާ 24 ގަޑިއިރުތެރޭ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ހުއްޓުވާލާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. ޓްރަމްޕް މިހެން ބުނިއިރު އޭނާއަކީ އެމެރިކާއިން މަދަދު ދޭ ޔޫކްރައިން ހަނގުރާމަ އާވެސް ދެކޮޅު މީހެކެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މުޅި ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ވެސް ހިމެނޭ ބިލިއަނަރު ޓްރަމްޕް ބުނާ ގޮތުގައި ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ ނުނިމި ދިގުލައިގެން ދަނީ ހަނގުރާމަ ހުއްޓުވޭނެ ޑީލެއް ހަދަން އެމެރިކާ އަށް ނޭނގޭތީއެވެ. ނަމަވެސް އޭނާ އަކީ އެފަދަ ޑީލެއް އެންމެ ފޯނު ކޯލަކުން ނިންމާލެވޭނެ މީހެއް ކަމަށް ޓްރަމްޕް ބުންޏެވެ.

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުންދަނީ ކެނޑިނޭޅި ބަރުހަތިޔާރާއި ފައިސާގެ އެހީގެ އިތުރުން އިސްތިރާޖީ އެހީއާއި ޓެކްނިކަލް އެހީ ޔުކްރެއިނަށް ފޯރުކޮށްދެމުންނެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަން ހޯދަން ކެމްޕޭން ކުރަމުން ގެންދިޔަ ނަމަވެސް ގިނަ ދައުވާތަކަކާއި މިހާރު ވެސް ކުރިމަތިލާން ވަނީ ޖެހިފައެވެ. އޭގެތެރޭގައި އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތަކެއް އަމިއްލަ ގެއަށް ގެންގޮސްގެން އުޅުނު މައްސަލައެއް ވެސް ހިމެނެއެވެ. އެމައްސަލައިގައި ޓްރަމްޕްގެ މައްޗަށް ވަނީ ޖާސޫސު ކުރުމުގެ ދައުވާތަކެއް އުފުލާފައެވެ. އެދައުވާތައް ސާބިތުވެއްޖެނަމަ ޓްރަމްޕްގެ މައްޗަށް ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ފަހުން ޓްރަމްޕް ހާޒިރު ކުރީ ޖޯޖިއާގެ އިންތިހާބު އޮޅުވާލި ކަމަށް ތުހުމަތު ކުރި މައްސަލައިގައެވެ. މިމަހުގެ 26 ވަނަ ދުވަހު އޭނާ ހާޒިރު ކުރުމުން ޖަލުގައި 20 މިނެޓަށް ބަންދުކޮށް ނެގި ޖަލު ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަވް ވެފައި ވާއިރު އެ ފޮޓޯ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ހުރި ޓީޝާޓާއި، ތޮފި އަދި އެހެނިހެން ސާމާނު ވިއްކައިގެން އެކި ފަރާތްތަކުން ވަނީ މިހާތަނަށް ޖުމްލަ 7.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާދިރާތަ

    މިތާގަވެސް ހުރީ ފައްކާ ކަނޑުކޮހެއް

  2. 123

    ކީއްވެތިހެންތިބުނީ ؟ މިހާރުވެސް ގައުމެއްއެއޮތް ފުނޑުވާލަނީނު ؟

  3. Anonymous

    ޤައުމުތަކުގެ ވެރިންނަކީ ޓްރަމްޕް ކަހަލަ އެއްޗެއް ދަންނަ ބަޔަކު ކަމުގައި ވެގެނެއް ނުވާނެއެވެ. އެމީހުން ވާންޖެހެނީ ޕަޕެޓުންނަށެވެ. އދ ފަދަ އެމީހުންނަށްވުރެ ބާރުގަދަ ފަރާތްތަކުން ބުނާ ކޮންމެ ގޮތެއް ހަދާ މީހުންނަށެވެ. އެއިން މީހަކަށް އެއްޗެއް އެނގި، އަމިއްލައަށް ފެނިގެން ރަނގަޅަށް ކަމެއް ކުރަން އުޅެފި ނަމަ، ޖެހޭނީ ޓްރަމްޕަށް ޖެހުނު ދަތުރެވެ. ވަރަށް ސަލާން އިނގޭ ޓުރަންޕޫ.

  4. ހިޔަޅު

    ޓްރަމްޕުވެސް ތިޔަބުނީ ދޮގެއްވާނޫނަ. މިތާގަވެސް ތީގެ އެއްޗެއް އެބައުޅޭ. ހަދާ މަކަރާ ހީލަތް ފަޅައަރާ އިރުވެސް ހުންނަނި ބީތާވެފަ. ރަނގަޅައް ފެއިލްވާނެކަން އެނގޭތީވެ ދެންދައްކާނި އެއްވެސް އޮއްޓަރު ނެތް ވާހަކަ. ހެހެހެ