އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭން ވެއްދި މީހަކު ހޯދަން ސީކްރެޓް ސާވިސް އިން ކުރިއަށް ގެންދިޔަ ތަހްގީގުގައި ތުހުމަތު ކުރެވޭ މީހަކު ވެސް ދެނެނުގަނެވުމުން އެންމެފަހުން މައްސަލަ ފައިލް ކޮށްފިއެވެ.

ވައިޓް ހައުސްގެ ވެސްޓް ވިންގް ސަރަހައްދުގައި ގުދަނެއްގެ ގޮތުގަައި ބޭނުން ކުރާ ތަނަކުން ކޮކޭން ފެނުނީ މިމަހުގެ ކުރީކޮޅުއެވެ. ވެސްޓް ވިންގް އަކީ އެމެރިކާ ރައީސްގެ އޮފީސް ހިންގާ ބައެވެ.

ކޮކޭން ފެނުނު ތަނަކީ ވައިޓްހައުސް އަށް ވަނުމުގެ ކުރިން މޯބައިލް ފޯނާއި، އެހެނިހެން އަމިއްލަ ތަކެތި ބަހައްޓަން ހާއްސަ ކޮށްފައި ހުންނަ ތަނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮކޭން ހުރީ ކުޑަ ޕްލާސްޓިކް ކޮތަޅަކަށް އަޅާފައެވެ.

ކޮކޭން ފެނުނުއިރު ރައީސް ޖޯ ބައިޑެން އާއި އާއިލާ ވައިޓްހައުސްގައި ނޫޅުއްވައެވެ. އޭރު ބައިޑެން ހުންނެވީ ކުރު ޗުއްޓީއެއްގައި ކޭމްޕް ޑޭވިޑްގައެވެ.

އެމެރިކާ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަ ކޮށްފައި އޮންނަ ފައުޖު ކަމަށްވާ ސީކްރެޓް ސާވިސް އިން ބުނީ ވައިޓްހައުސް އަށް ކޮކޭން ވެއްދި މީހަކު ހޯދުމަށް ފިންގާޕްރިންޓާއި، ޑީއެންއޭ ނަގައިގެން އަދި ލިބެން ހުރި ވީޑިއޯތައް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ ތަހްގީގުގައި ތުހުމަތު ކުރެވެ މީހަކު ނުފެނުނު ކަމަށެވެ.

ސީކްރެޓް ސާވިސް އިން ބުނީ ވައިޓްހައުސް އަށް ކޮކޭން ވެއްދުނު ނަމަވެސް އެއީ ވައިޓްހައުސްގެ ސަލާމަތައް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. ވައިޓްހައުސްއަށް އެއްވެސް ބާވަތެއްގެ ކެމިކަލެއް ނުވަތަ ރޭޑިއޮލޮޖިކަލް މެޓީރިއަލްއެއް ނުވެއްދޭނެ ކަމުގެ ކަށަވަރުކަން ސީކްރެޓް ސާވިސް އަށް އެބައޮތް ކަމަށް ވެސް ސީކްރެޓް ސާވިސް އިން ބުނެއެވެ.

ނަމަވެސް ދީމަވި ކަންކަމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ސެކިއުރިޓީ ރިވިއުއެއް ހެދުމަށްފަހު އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް ވެސް ސީކްރެޓް ސާވިސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ވައިޓް ހައުސް އަށް ކޮކައިން ވެއްދި ކަމަށް ބޮޑަށް ތުޙުމަތު ކުރެވިފައިވަނީ ބައިޑަން ގެ ދޮށީދަރި، ހަންޓަރ ބައިޑެން އެވެ. މީނާ އަކީ މިފަދަ މައްސަލަ ތަކެއްގައި ކުރިންވެސް ވަރަށް ބޮޑަށް ތުޙުމަތު ކުރެވިފައިވާ، ރިހެބް ގައި ދުވަސް ތަކެއް ހޭދަ ކުރި ފަރާތެކެވެ. މަތީ މީހުންގެ ދަރިން ވެސް މިފަދަ ކަންކަމުގައި އުޅޭތަން ފެންނަނީ މިޒަމާނުގައި މަދެއްކޮށެއް ނޫނެވެ!