އާންމުން މެރުމުގެ ރެކޯޑް އޮންނަ ޔޫކްރޭނަށް ހަތިޔާރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމެވި ނިންމެވުން ދިފާއު ކުރައްވައިފިއެވެ.

ރައީސް ބައިޑަން ވިދާޅުވީ އެކަން ޔަޤީންކުރަން ވަގުތު ކޮޅެއް ނެގި ކަމަށާއި ނަމަވެސް އޭނާ އެގޮތަށް އަމަލުކުރެއްވީ ޔޫކްރެއިނުން ހަތިޔާރު ހުސްވަމުންދާތީ ކަމަށެވެ.

ޔޫކްރެއިންގެ ލީޑަރު މިކަމަށް ތައުރީފު ކުރެއްވިއިރު މޮސްކޯގެ މަންދޫބަކު ވަނީ ވޮޝިންޓަންގެ "ހަރުކަށިފިކުރު" އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކްލަސްޓާ ބޮން އެޅުން 120 އަށް ވުރެ ގިނަ ގައުމުން ވަނީ މަނާކޮށްފައެވެ.

ހުކުރު ދުވަހު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، އަންނަ ހަފުތާގައި ލިތުއޭނިއާގައި ބާއްވާ ނޭޓޯ ސަމިޓާ ދިމާކޮށް ނިންމި ނިންމުމާ ގުޅޭ ގޮތުން ބައިވެރިންނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ބްރީފިންގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވީ ކްލަސްޓާ މިއުނިޝަންތަކުގެ ސަބަބުން އާންމުންނަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަން އޮފިޝަލުން ގަބޫލުކުރާ ކަމަށެވެ.

ސުލިވާން ވިދާޅުވީ ޔޫކްރެއިންގެ އާޓިލަރީ ހުސްވެފައިވާ ކަމަށާއި އެމެރިކާއިން އެތެރޭގެ އުފެއްދުންތައް އިތުރުކުރާއިރު ސަޕްލައިގެ ބްރިޖެއް ބޭނުންވާ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ އެއްވެސް ހިސާބެއްގައި ޔޫކްރެއިން ދިފާއުނުކޮށް ދޫކޮށްނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުލިވާން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫކްރެއިންއަށް ފޮނުވަމުންދާ އެމެރިކާގެ ކްލަސްޓާ ބޮންތަކަކީ ހަނގުރާމައިގެ ތެރޭގައި ރަޝިއާއިން މިހާރުވެސް ބޭނުންކުރަމުން އަންނަ ބޮންތަކަށް ވުރެ މާ ރައްކާތެރި ބޮންތަކެއް ކަމަށެވެ.

ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާއިން ކްލަސްޓާ އާއި ވެކިއުމް ބޮން ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވައިޓް ހައުސްއާ ސުވާލު ކުރުމުން އޭރުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެއީ ހަގީގަތެއް ނަމަ އެއީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް ބެލެވޭ ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ފަރާތުން ވާހަކަ ދައްކަވަމުން މާޓާ ހުރްޓާޑޯ ވިދާޅުވީ އެފަދަ ހަތިޔާރު ބޭނުންކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްތުނާ

    ތިމާގެބަލިހާލާމެދުނުވިސްނާ ތިހެންއުޅެނިކޮށް ތިމާގެމަގުބޫލުކަން ކުޑަވެ ޒީރޯއަށްވާއިރުވެސް ތިހުންނަޖައްބާރުކަމާ ޔަހޫދީކަމުން ހައިރާންވޭ