ފަލަސްތީނުގެ ސަލާމަތީ ފައުޖުތަކުން ސަރުކާރާއި ދެކޮޅު އެކްޓިވިސްޓެއް ކަމަށްވާ ނިޒާރު ބަނަތު ހައްޔަރުގައި ހުއްޓާ އޭނާ މަރުވުމާއި ގުޅިގެން އެގައުމުގެ ރައީސް މަހްމޫދު އައްބާސް އާއި ދެކޮޅަށް އެގައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ފަލަސްތީނުގެ މައި އިދާރާތައް ހުންނަ ރަމަﷲ ކައިރިޔަށް ބަނަތު ހައްޔަރުކުރިތާ ދެ ދުވަސް ފަހުން އެތައް ސަތޭކަ ބަޔަކު އެއްވެ ވަނީ މުޒާހަރާ ބާއްވާފައެވެ. އެ މުޒާހަރައިގައި ބަނަތުގެ ފޮޓޯ ކުރަހާފައިވާ ޕޯސްޓަރުތަކާއި، ފަލަސްތީނުގެ ދިދަ ބޭނުންކޮށްފައިވެއެވެ. އަދި އެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް މަހްމޫދު އިސްތިއުފާ ދެއްވައި، ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުތަކަށް އިސްލާހު ގެނައުމަށް ގޮވާލައިފައިވެއެވެ.

މުޒާހަރާ ކުރިއަށް ގެންގޮސް ރައީސް އޮފީސް ކައިރިއަށް މުޒާހަރާވެރިން އެއްވުމުން މަހްމޫދަށް ތާއިދުކުރާ ބަޔަކު އެމީހުންނާއި ދެކޮޅަށް ނުކުމެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، ދެފަރާތުގެ ދެމެދުގައި ގާއުކުން ފަދަ ހަމަލާތައް ވެސް ބަދަލު ކޮށްފައިއެވެ.

އަދި މުޒާހަރާ ރޫޅާލުމަށް ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭހާއި، ސްޓަން ގްރެނޭޑް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ވާގޮތުން މި މުޒާހަރާގެ ތެރެއިން މުޒާހަރާގެ 20 ބައިވެރިޔަކަށް އަދި ސަލާމަތީ ފައުޖުތަކުގެ 3 މީހަކަށް އަނިޔާވެފައިވެއެވެ. މުޒާހަރާގެ ތެރެއިން 5 ނޫސްވެރިޔަކަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މަހްމޫދަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ރައީސް ކަމުގައި އޭނާ ހުންނަން ބޭނުންވާ ކަމަށް ބުނެ އަޑު އުފުލާފައެވެ. ނަމަވެސް، މަހްމޫދު އައްބާސް އާއި ދެކޮޅަށް ނުކުތް ފަރާތްތަކުން ބުނަނީ އެ ވެރިކަމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

ހައްޔަރުގައި ހުއްޓައި މަރުވި ސަރުކާރާއި ދެކޮޅު އެކްޓިވިސްޓް، ނިޒާރު ބަނަތުގެ އާއިލާއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން ސަލާމަތީ ފައުޖުތަކުން އޭނާއަށް މުގުރުން އަނިޔާ ކޮށްފައިވެއެވެ. އަދި އަނިޔާއާއި ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ބުނެއެވެ.