ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިޒްރޭލުން މިއަހަރުގެ މިހާތަނަށް 200 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް އދ.ގެ މެދުއިރުމަތީގެ މަންދޫބު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަރުހަލާއަށް އދ.ގެ ސްޕެޝަލް ކޯޑިނޭޓަރ ޓޯރ ވެންސްލޭންޑް އދ.ގެ ސަލާމަތީ މަޖިލީހުގައި ހޯމަ ދުވަހު ވިދާޅުވީ، ހަމަނުޖެހުންތައް އިތުރުވަމުން ދަނީ ފަލަސްޠީނުގެ މެދުގައި މުސްތަޤްބަލާމެދު މާޔޫސްކަން އިތުރުވެ، މިނިވަން ދައުލަތެއް ޙާޞިލުކުރުމަށް ކުރިއެރުން ނުލިބުމުގެ ސަބަބުން ކަމަށެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ ރައްޔިތުން ޝަހީދުވެ ޒަޚަމްވަމުންދާ ކަމަށެވެ.

"ހަމަނުޖެހުން ހިނގަން މެދުވެރިވި މައިގަނޑު މައްސަލަތަކަށް ހައްލެއް ހޯދައިދޭ ސިޔާސީ މައިދާނަކަށް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން ހުރިހާ ދިމާލަކުން ވެސް ހަރުކަށި ފިކުރުގެ މީހުން ފުރިފައިވާ ނުރައްކާތެރި އަދި ހަލަބޮލި ހުސްކަމެއް އުފެދިއްޖެ،" ސަލާމަތީ މަޖިލީހުގައި ވެންސްލޭންޑް ވިދާޅުވިއެވެ.

އިޒްރޭލާއި ފަލަސްތީނުގެ ރައްޔިތުން މިހާރު އޮތް ހާލަތު ހަމައަކަށް އެޅުމަށް ބައެއް ފިޔަވަޅުތައް އަޅަމުންދާއިރު، ވެންސްލޭންޑް ވިދާޅުވީ އެއްފަރާތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވަމުންދާ ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވީ އިސްރާއީލުގެ ގަވައިދާ ހިލާފަށް ހަދާފައިވާ އާބާދީތައް ހުއްޓުމެއް ނެތި ފުޅާކުރުމާއި، އިސްރާއީލުން ފަލަސްތީނުގެ ގެދޮރު ތަޅާލުމާއި، ފަލަސްތީނުގެ އިދާރީ އަދި ފުލުހުންގެ ބާރުގެ ދަށުގައި ވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ހިންގާ އޮޕަރޭޝަންތަކާއި، ފަލަސްތީނުގެ އަވަށްތަކަށް އިސްރާއީލުން ވަޒަންވެރިވާ ފަރާތްތަކުން ދޭ ހަމަލާތަކެވެ.

ވެނެސްލޭންޑް ވަނީ ފަލަސްތީނުގެ "ހަނގުރާމަވެރި ހަރަކާތަކަށް" އިޝާރާތް ކުރައްވައި، ފަލަސްތީނު އޮތޯރިޓީގެ މާލީ ހާލަތުގެ ނާޒުކުކަމާއި، އދ.ގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ، ޔޫއެންއާރްޑަބްލިއުއޭ ފަދަ އދ.ގެ އެޖެންސީތަކަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ ސަބަބުން މިހާރުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ ހަމަނުޖެހުންތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައި، ދެ ދައުލަތުގެ ހައްލަކަށް އެކަމަނާގެ ސަރުކާރުން ތާއީދުކުރައްވާކަން ތަކުރާރުކުރައްވާފައެވެ.

އދ.ގެ ޑެޕިއުޓީ އެމްބެސެޑަރު ޑިމިޓްރީ ޕޮލިއަންސްކީ ކައުންސިލްގައި ވިދާޅުވީ ސުލްހައިގެ މަސައްކަތް ދިގު މުއްދަތަކަށް ހުއްޓިފައި އޮތުމަކީ އިޒްރޭލުން ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓުވަން ވެސް އޮތް ހުރަހެއް ކަމަށެވެ.