މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޕާމިޓް ލިބުނު މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިނުގެ ދެ ޑޯޒް ޖަހައި ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާ އިން ގޮވާލައިފިއެވެ.

ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ ހައްޖު ޕާމިޓް ލިބޭތާ 48 ގަޑިއިރު ތެރޭގައި ވެކްސިން ސެންޓަރަކުން ވެކްސިނުގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެނީ 18 އަހަރާއި 65 އަހަރާއި ދެމެދުގެ 60،000 މީހުންނަށެވެ. ސައުދީގައި މިވަގުތު ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ފުރުސަތަށް އެދެން ހުޅުވާލުމުން 550،000 މީހަކު އެ ފުރުސަތަށް އެދިފައިވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ޕާމިޓް ލިބިފައިވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ގޮވާލައި، ސައުދީން ވަނީ ދުރާލާ އެޕޮއިންޓްމެންޓް ހަދަން ނުޖެހި ވެކްސިން ޖެހޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ރިޕޯޓު ކޮށްފައިވާ ގޮތުން ކުރިޔަށް އޮތް ހައްޖުގެ މަތިވެރި އަޅުކަމަށް ވާން ޖެހޭ އެންމެ ފުރިހަމަ ތައްޔާރީތައް ވަނީ ފުރިހަމަ ވެފައެވެ.

ސައުދީގައި މިހާތަނަށް 17.2 މިލިއަން މީހުންނަށް ވެކްސިން ޖަހާފައިވާ އިރު، ވެކްސިން ސައިޑް އިފެކްޓުގެ ސަބަބުން އެގައުމުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވާ ގޮތުން އިއްޔެ އެ ގައުމުން 1،255 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި ވޭތުވެދިޔަ 13 ދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވީ މީހުންގެ އަދަދަކީ 17،424 އެވެ.