ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެޓްލާންޓިކް ކަނޑުން ދަތުރު ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.

ސްޕެއިން ފުލުހުންނާއި ކަސްޓަމުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތަށް އުފަން ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރު ކުރީ ޔޮޓެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.

އެމީހުންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އަތުލައިގަތް އިރު، އެ ތަކެތީގެ އަގު 80 މިލިއަން ޕައުންޑު (1،723،712،000 މިލިއަން ރުފިޔާ) އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. މަސްތުވާތަކެތި ހިފަގެއިން ތިން މީހުން ދަތުރުކުރީ ޔޫރަޕަށް ދާން ކަމަށް ފުލުހުން ބުނެއެވެ.

މި ތަހުގީގުގައި ބްރިޓެއިންސް ނޭޝަނަލް ކްރައިމް އެޖެންސީ އިންވެސް ބައިވެރިވެފައި ވެއެވެ. އެ އެޖެންސީ އިން ބުނެފައި ވަނީ މިފަހަރު ހައްޔަރުކުރި މީހުންގެ ތެރޭގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ޑްރަގް ޓްރެފިންއާ ގުޅޭ އިންވެސްޓިގޭޝަން އާ ގުޅުންހުރި މީހުން ހިމެނޭ ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގާ މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު މީހުންގެ ތެރޭގައި ސްޕެއިންގެ ކުރީގެ ރޯޔަލް ނޭވީގައި މަސައްކަތް ކުރި މީހަކުވެސް ހިމެނެއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ނޭވީ އޮފިސަރު ރޮބާޓް މާކް ބެންސަންއަކީ މަސްތުވާތަކެތި ވިއްކުމަށް މީހުން ތަމްރީން ކުރުމުގައި އުޅޭ މީހެއް ކަމަށެވެ.

ރޯޔަލް ނޭވީގައި ބެންސަން މަސައްކަތް ކޮށްފައި ވަނީ 1978 ވަނަ އަހަރުން 1985 ވަނަ އަހަރާ ހަމައަށެވެ. އެގޮތުން 2015 ވަނަ އަހަރު އޭނާ ވަނީ ޔޮޓް ވިޔަފާރިކުރާ ކުންފުންޏެއްގައި ބައިވެރިވެފައެވެ. މި ކުންފުނިން ޔޮޓް ގަނެ މަރާމާތުކޮށް ޔޮޓްތައް ވިއްކައެވެ.