ރައްޓެއްސަކު ބުނެގެން ޕޯސްޓަށް ގޮސް ނެގި އެތީގައި މަސްތުވާތަކެތި ހުރި ކަމެއް ނޭނގޭ ކަމަށް މި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި މީހަކު ބުނެފިއެވެ.

ރާއްޖެ އަށް ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ޕޯސްޓް ނަގަން ދިޔަ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބުނާގޮތުން އެ ޕެކޭޖް ނެގީ ރައްޓެއްސަކު ބުނެގެންނެވެ. އަދި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި އިއްޔެ ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބުނެފައިވަނީ އެ ޕެކޭޖަކީ އޭނަގެ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ޕެކޭޖާއެކު އޭނާ ހިފެހެއްޓުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފައެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ޕޯސްޓް އޮފީހުން އޭނާ ހަވާލުވި ޕެކޭޖު ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަޅާފައި ހުރި ދެ ޝީޓު ފެނިފައިވާ ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށެވެ.

ނަމަވެސް އެ ޕެކޭޖުގައި ހުރި މަސްތުވާ ތަކެތީގެ އަދަދު ފުލުހުން ހާމަކޮށްފައިނުވެއެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް ޑްރަގް އެތެރެކުރުން، ޓްރެފިކް ކުރުން އަދި ބޭނުންކުރުމުގެ ތުހުމަތެވެ.

މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ފެނިއްޖެ ނަމަ ނުވަތަ ހަތަރު ގްރާމަށް ވުރެ ގިނައިން ޑައިމޯފިން ފެނިއްޖެ ނަމަ އެ މީހަކު ޑްރަގް ޓްރެފިކިންއަށް ގެންގުޅުނު ތަކެތި ކަމަށް ބެލެވޭނެއެވެ. އެ ކުށަށް އޮންނަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ. އާއި 10،000،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ ކުރިން ވެސް ޕޯސްޓުން ޑްރަގް އެތެރެ ކުރި މައްސަލަތަކުގައި ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުވެގެން މީހުން 25 އަރަށް ޖަލަށްލާފައި އެބަ ހުއްޓެވެ.