ޖަލުގައި ތިބި 80 އިންސައްތަ ގައިދީންނަށް ފަރުވާ ނުލިބޭ ކަމަށް ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.

ޕީއެސްއެމްއިން ގެނެސް ދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު ވިދާޅުވީ މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ހެލްތު މިނިސްޓްރީން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އެ ދިރާސާތަކަށް ރިއާޔަތްކޮށް ޝަމާއު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖަލުތަކުން ފަރުވާއަށް ގެނައި މީހުން އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ މީހުން ޖަލުގައި ގިނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޖަލުގައި ތިބި 80 އިންސައްތަ މީހުންނަކީ އެންޑީއޭގެ ފަރުވާ ނުލިބޭ މީހުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ އެއް ދޮރުން ވައްދާ އަނެއް ދޮރުން ނެރެ ފަރުވާއިން ވަކިކޮށް ޖަލު ހުކުމަށް ފޮނުވާލާފައިވާކަން. ދަންނަވާނަމަ ގާތްގަނޑަކަށް 300 މީހުން އެބަތިބި އެންޑީއޭގެ ފަރުވާއިން ވަކިކޮށް އޭރުގައި ފޮނުވާފައިވާ މީހުން" ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އަމިއްލައަށް އެދިގެން ޑްރަގު ފަރުވާ ހޯދާ މީހުން މަދު ނަމަވެސް ޑްރަގް ކޯޓުން ހުކުމްކޮށްގެން ޑްރަގް ފަރުވާ ހޯދާ މީހުން ގިނަ ކަމަށެވެ. އަދި ފަރުވާ ހޯދާ މީހުންގެ ތެރެއިން އަނެއްކާ ވެސް މަސްތުވާތަކެއްޗާ ދިމާއަށް މިސްރާބު ޖަހާ މީހުން ގިނަކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެންޑީއޭއިން މިހާރު ވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންނަށް ވެސް ފަރުވާ ދޭން ފަށައިފައެވެ.