އޯރެންޖު ފޮށިތަކެއްގެ ތެރެއަށް ލައިގެން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ސައުދީ އަރަބިއްޔާއިން އަތުލައިގެންފިއެވެ.

އެގައުމުގެ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ އިދާރާއާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެތަކެތި އަތުލައިގެންފައިވަނީ ޖިއްދާގައި ހުންނަ އިސްލާމިކް ޕޯޓުން ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

ސައުދީގެ ކަސްޓަމުން ބުނެފައިވަނީ އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބޭހެއް ކަމަށްވާ 'ކެޕްޓަގޮން ޕިލްސް" ކަމަށާއި އޭގެ 4.5 މިލިއަން ގުޅަ އަތުލައިގެނެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ކަސްޓަމުން ހާމަ ކޮށްފައެއް ނުވެއެވެ.

ކަސްޓަމުން ބުނެފައިވަނީ އެތަކެއްޗާއި ހަވާލުވާން އުޅުނު ފަރާތްތަކުން ވެސް އެގައުމުގެ ހިސާބަކުން އަތުލައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަރާތްތަކުގެ މައުލޫމާތެއް ކަސްޓަމުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮންތަނަކުން ގެނެސްފައިވާ އެއްޗެއް ކަމެއް ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އެތަކެތި ގެނެސްފައިވަނީ ކޮންތަނަކުން ކަން ކަސްޓަމުން ހާމަ ކޮށްފައި ނުވީ ނަމަވެސް، މީޑިއާތަކުން ވަނީ އެއީ ލުބުނާނުން އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ތަކެތި ކަމަށް ބުނެފައެވެ. އެއީ މީގެ ކުރިން ވެސް ލުބުނާނުން އެގައުމަށް އެފަދަ ތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައިވާތީއެވެ.

އެގޮތުން މީގެ ކުރިން ވެސް ސައުދީން ވަނީ ލުބުނާނުން އެގައުމަށް އެތެރެ ކުރަން އުޅުނު 14.2 މިލިއަން އެމްފެތަމިން ގުޅަ އަތުލައިގެންފައެވެ. އެފަހަރު އޭގެ ތެރެއިން 5.3 މިލިއަން ގުޅަ ފޮރުވާފައި ހުރީ "އަންނާރު" ގެ ތެރެއަށް ލައި ކަމަށް އެގައުމުން ވަނީ ބުނެފައެވެ.