ހެއިޓީގެ ރައީސް ޖޮވެނައިލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ގައުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އދ. އާއި އެމެރިކާގެ އެހީއަށް ހެއިޓީން އެދިއްޖެއެވެ.

ހެއިޓީގެ ބޮޑުވަޒީރުގެ އޮފީހުން ރައީސް އަވަހާރަކޮށްލި ދުވަހު އދ. އަށް ފޮނުވާފައިވާ ސިޓީގައި އެހީއަށް އެދިފައިވަނީ ގައުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ ހާލަތު އާންމު ހާލަތަކަށް ގެނައުމުގެ އަމާޒުގައެވެ.

ހެއިޓީން އަސްކަރީ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާކަން އެމެރިކާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ހެއިޓީއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހެއިޓީގެ ބޮޑުވަޒީރު ކްލޯޑް ޖޯސެފްއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅިގެން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގައުމުގެ ސަލާމަތީކަންކަން ވަރުގަދަ ކުރުމަށް އަސްކަރީ އެހީތެރިކަމާއި، ރައީސް އަވަހާރަކޮށްލުމާއި ގުޅިގެން ކުރިޔަށްގެންދާ ތަހުގީގުގައި އެއްބާރުލުން ދިނުމަށް އެދުމުގެ އިތުރުން އެެމެރިކާ ސިފައިން ހެއިޓީގައި ބޭތިއްބުމަށް ހެއިޓީގެ ވަގުތީ ސަރުކާރުން އެދިފައިވެއެވެ.

ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން އެފްބީއައި އާއި ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއާ އޮފިޝަލުންތަކެއް ހެއިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުން އަންނައިރު، މޮއިސްގެ ގާތިލުން ހޯދުމުގެ މަސައްކަތް ވެސް ހާއްސަ އިސްކަމެއް ދީގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ހެއިޓީގެ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން ވަނީ މޮއިސް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތަކެއް ހޯދައި، އެމީހުން ވަނީ ހައްޔަރު ކޮށްފައެވެ.