ޔޫކްރެއިން އާއި ސޫދާނުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހުނު އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް 110 މިލިއަނަށް އަރާފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނަރު (ޔޫއެންއެޗްސީއާރް) ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް 19 މިލިއަން އެމީހުންގެ ގެދޮރު ދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ. އެގޮތުން އެ އަދަދު މި އަހަރުގެ ނިޔަލަށް 108.4 މިލިއަނަށް އަރާފައިވާ ކަމަށް ޔޫއެންއެޗްސީއާރުން ނެރުނު އަހަރީ ފޯސްޑް ޑިސްޕްލޭސްމަންޓް ރިޕޯޓުން ވަނީ ފާހަގަވެފައެވެ.

އދ.ގެ ރެފިއުޖީ ޗީފް ފިލިއްޕޯ ގްރޭންޑީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ އަދަދު މިހާރު މަދުވެގެން 110 މިލިއަނަށް އަރާފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ސޫދާނުގައި އަށް ހަފުތާވަންދެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ.
ޖުމްލަ ކޮށް ފެންނަ އަދަދުތަކުގެ ތެރޭގައި އަމިއްލަ ގައުމުތަކުގެ ތެރޭގައި ރައްކާތެރިކަން ހޯދަން ބޭނުންވާ މީހުންނާއި ބޯޑަރު ހުރަސްކުރި މީހުން ވެސް ހިމެނެއެވެ. ރެފިއުޖީންނާއި ހިމާޔަތް ހޯދާ މީހުންނަކީ ޖުމްލަ މީހުންގެ ގާތްގަނޑަކަށް 37.5 ޕަސެންޓް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

2011 ވަނަ އަހަރު ސީރިއާ ހަނގުރާމައިގެ ކުރިން ގާތްގަނޑަކަށް 40 މިލިއަން ރެފިއުޖީންނާއި، ގެދޮރު ގެއްލިފައިވާ މީހުން ތިބި އިރު، އެ އަދަދު ގާތްގަނޑަކަށް 20 އަހަރު ވަންދެން ހަމައަކަށް އެޅިފައި އޮތް ކަމަށް އެ އެޖެންސީން ބުނެއެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ އަދަދު ވަނީ އިތުރުވެފައެވެ.

ރެފިއުޖީންނާއި ބައިނަލްއަގްވާމީ ހިމާޔަތް ބޭނުންވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ނިސްބަތްވަނީ ސީރިއާ، ޔޫކްރެއިން އަދި އަފްޣާނިސްތާނުގެ ތިން ގައުމަކުން ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި 2022 ވަނަ އަހަރު ނިމުނުއިރު ޔޫކްރެއިންގެ 11.6 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށާއި އޭގެ ތެރޭގައި އެ މީހުންގެ ގައުމުގެ ތެރޭގައި 5.9 މިލިއަން މީހުންނާއި ގައުމުން ބޭރުގައި ތިބި 5.7 މިލިއަން މީހުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.