ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ ހައްޔަރު ކުރުމުން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 72 މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޒޫމާގެ ސަޕޯޓަރުން ގެންދަނީ ދެކުނު އެފްރިކާގެ މަގުތަކަށް ނިކުމެ، ފިހާރަތައް ލޫޓުވައި، މަގުމަތީގައި ހުންނަ ވެހިކަލްތަކުގައި ހުޅު ޖަހަމުންނެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ބައެއް އާއްމުންނާއި އަދި ފުލުހުންނާއި ސިފައިން ވެސް ގެންދަނީ ޒޫމާގެ ސަޕޯޓަރުންނާއި ކުރިމަތިލަމުންނެވެ.

އުމުރުން 79 އަހަރުގެ ޒޫމާ މިދިޔަ ހަފްތާގައި ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އޭނާ 15 މަސް ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރުމުންނެވެ. ޒޫމާގެ މައްޗަށް ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހްގީގަށް އެއްބާރުލުން ނުދެއްވުމުންނެވެ.

މުޒާހަރާތައް އެންމެ ވަރުގަދައަށް ކުރިއަށް ގެންދާ ސަރަހައްދުތަކުގައި ދިރިއުޅޭ ވިޔަފާރިވެރިން ބުނާ ގޮތުގައި އެމީހުންގެ މުޅި މިލްކިއްޔާތު ވަނީ މުޒާހަރާގެ ބައިވެރިން ލޫޓުވާލާފައެވެ.

ދެކުނު އެފްރިކާގެ ފުލުހުންނާއި ސިފައިން ނިކުމެ މިހާރު ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 1200 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން މައިތިރި ކުރަން ބައެއް ސަރަހައްދުތަކުގައި ރަބަރު ވަޒަން ވެސް ޖަހާފައި ވެއެވެ. ނަމަވެސް މުޒާހަރާތަކަށް ކުޑަވެސް މަޑުޖެހުމެއް ނާންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެކުނު އެފްރިކާގެ ރައީސް ކައިރިލް ރަމަފޯސާ ވަނީ މިދިޔަ ހޯމަ ދުވަހު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވަނީ ރައްޔިތުން ހަމަޖެހިގެން ތިބުމަށް ގޮވާލައްވާފައެވެ. ލޫޓުވުން ފަދަ ކަންކަން ކުރިއަށް ގެންދާނަމަ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ އިތުރު އެތައް މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޒޫމާ ދެކުނު އެފްރިކާގެ ރައީސް ކަން ކުރެއްވީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށެވެ. ދެކުނު އެފްރިކާއަށް ތަރައްގީގެ ރޮނގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި ޒޫމާ އަށް އަދިވެސް ދެކުނު އެފްރިކާގައި އޮންނަ ތާއީދު ވަރަށް ބޮޑެވެ.