ޕެގަސަސް ސްޕައިވެޔާ ކޭސް އާއި ގުޅިގެން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އޭނާގެ ފޯނާއި ފޯން ނަންބަރު ބަދަލުކޮށްފި އެވެ.

ރައީސް މެކްރޮން ފޯނާއި ފޯން ނަންބަރު ބަދަލުކޮށްފައިވާކަން ހާމަކުރައްވައި ރައީސްގެ އޮފިޝަލަކު މީޑިޔާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ ހެކް ކުރުމުގެ މައްސަލައާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ރޮއިޓާސް އަށް މައުލޫމާތުދެއްވަމުން ރައީސް މެކްރޮންގެ އޮފިޝަލަކު ވިދާޅުވީ މެކްރޮން ތަފާތު އެތައް ނަންބަރެއް ގެންގުޅުއްވާ ކަމަށާއި މިއީ އެމަނިކުފާނަށް ބަޔަކު ފާރަލާފައިވާތީ ކުރި ކަމެއް ނޫން ކަމަށެވެ.

ފްރާންސްގެ ސަރުކާރުގެ ތަރުޖަމާނު ގެބްރިއަލް އަތާލް ވިދާޅުވީ ރައީސްގެ ސަލާމަތީ ކަންކަން ކުރިޔަށްގެންދާގޮތުގެ އޮނިގަނޑަށް މިހާރު ބަދަލުގެނެސްފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ނޫސްވެރިންގެ ފޯނުތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ފޯނުތަކާއި ސަރުކާރުތަކުގެ އޮފިޝަލުންގެ ފޯނުތައް ހެކްކުރުމުގެ މައްސަލަ ބޮޑުވެ ދުނިޔޭގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފަ އެވެ.

ޕެގަސަސް އަކީ އިސރޭލުގެ އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ ސޮފްޓްވެއާއެކެވެ. އެ ސޮފްޓްވެއާ އުފެއްދި ގްރޫޕުން ބުނާގޮތުގައި މި ސޮފްޓްވެއާ ވިއްކަނީ ކުއްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމަށާއި ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމަށް ސަރުކާރުތަކަށް އެހީތެރިވުމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ނަހަމަގޮތުގައި މި ސޮފްޓްވެއާ ބޭނުންކުރާކަން މިހާރު ފާހަގަ ކުރެވެއެވެ.

ފްރާންސުގެ އޮގަނައިޒޭޝަނެއް ކަމަށްވާ ފޮބިޑެން ސްޓޯރީސްއާއި އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކުރާގޮތުގައި ބައެއް ފަރާތްތަކުން ޕެގަސަސް ނަހަމަގޮތުގައި ބޭނުންކުރެއެވެ.

އިންޑިއާ ސަރުކާރުން ވެސް މި ސޮފްޓްވެއާ ބޭނުން ކޮށްގެން އިދިކޮޅު ސިޔާސީ ލީޑަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް ފާރަލާފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.