އިންޑިއާގައި އުމުރުން 9 އަހަރުގެ ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރައިލާ އަދި އެ ކުއްޖާގެ ހަށިގަނޑު އަންދާލުމާއި ގުޅިގެން އިންޑިޔާގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ފަށައިފިއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ނިއު ދިއްލީގައެވެ. މި ކުއްޖާގެ އަނދާފައިވާ ހަށިގަނޑު ފެނިފައިވަނީ ދިއްލީގައި މަރުވާ މީހުންގެ ހަށިގަނޑު ނައްތާލާ ތަނެއްގެ ކައިރިންނެވެ.

މި ކުއްޖާގެ މަރާއި ގުޅިގެން މިހާރު މުޒާހަރާ ކުރަމުން ދަތާ ހަތަރު ދުވަސްވެއްޖެއެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި މަރުވާ މީހުންގެ ހަށިގަނޑު ނައްތާލާ ތަނަށް ގޮސްފައިވަނީ އެތަނުގައި ހުރި ފެން ކޫލަރެއްގެ ކައިރިއަށް ފެން ބަލައި ކަމަށެވެ.

އޭގެފަހުން ކުއްޖާ ގެއަށް ނައިސް ގަޑިއެއްހާއިރުވެގެން ލަސްވެގެން އެތަނަށް ދިޔުމުން ފާދިރީ ބުނެފައިވަނީ އެ ކުއްޖާ މަރުވެފައިވާ ކަމަށެވެ. ކުއްޖާ މަރުވި ގޮތެއް ބެލުމަށް ހަށިގަނޑު ފުލުހަށް ގެންދަން ބޭނުން ކަމަށް މަންމަ ބުނުމުން ފާދިރީ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އަދި އެކަމަށް އިންސާފެއް ނުލިބޭނެ ކަމަށް ވެސް ބުނެފައެވެ.

ކުއްޖާ މަރުވެފައިވަނީ ފެން ކޫލަރުން ފެން އަޅަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމަށް ފާދިރީ ބުނެފައިވެއެވެ. ނަމަވެސް ކުއްޖާގެ ހަށިގަނޑަށް ބަލާފައި އާއިލާއަށް އެކަން ގަބޫލެއް ނުކުރެވުނެވެ.

ނަމަވެސް އެތަނުގެ މައި ދޮރު ބަންދު ކުރުމަށް ފަހު އާއިލާގެ ނުގަބޫލުގައި ކުއްޖާގެ ހަށިގަނޑު އަންދާލަން ފެށިއެވެ. އެ ޚަބަރު ލިބުމާއި އެކު އެ އަވަށުގެ ރައްޔިތުން އެތަނަށް އެއްވެ ފާދިރީއާއި އިތުރު ތިން މީހަކު ހިފަހައްޓައި ފުލުހުންނާއި ހަވާލު ކުރިއެވެ.

ފުލުހުންނަށް މި ކުއްޖާ ފެނުނުއިރު ކުއްޖާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. ސަލާމަތުން އޮތީ ހަމައެކަނި ފައިތިލަ ކަމަށް ވެސް ދިއްލީ ފުލުހެއް ކަމުގައިވާ އިންގިތު ސިންގް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެތެރޭގައި ހަށިގަނޑު އަންދާލުމަށް އުޅުނު ފާދިރީ ވެސް ހިމެނެއެވެ. ކުއްޖާގެ އާއިލާ ފަރާތުން ވަނީ މި ހަތަރު މީހުންނަށް ރޭޕްކޮށް ކުއްޖާ މަރައިލުމުގެ ތުހުމަތު ކޮށްފައިވެއެވެ.

މި ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ ރޭޕް ކުރުމާއި، މީހަކު މަރައިލުމާއި އަދި ހެކި ނައްތާލަން އުޅުމުގެ ތުހުމަތުގައި ކަމަށް އޮފިސަރ އިންގިތު ސިންގް ބުނެފައިވެއެވެ.

މި ޚަބަރު ލިބުމާއި އެކު ނިއު ދިއްލީގައި އެތައް ސަތޭކަ ބަޔަކު ދަނީ އެއްވަމުންނެވެ. މީގެތެރޭގައި ކިޔަވާ ދަރިވަރުންނާއި ހައްގު ހޯދައިިދިނުމަށް މަސައްކަތް ކުރާ ވެސް އެތައް ބަޔަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު