އިންޑިއާގެ ހަތަރު އިންސްޓްޓިއުޓް އަކާއި ފްރާންސްގެ އިންސްޓްޓިއުޓެއް ބައިވެރިވެ ކުރި ދިރާސާއެއްގެ ތެރެއިން ކޮލޮން ކެންސަރު ބަލި އޭގެ އެއްވަނަ ސްޓޭޖްގައި ދެނެގަނެ، ބަލި މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ ގޮތެއް ހޯދަައިފިއެވެ.

މި ދިރާސާގައި ބައިވެރިވެފައިވަނީ އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިމިއުނޮލޮޖީ، އޭއައިއައިއެމްއެސް، ރީޖަނަލް ސެންޓަރ ފޯ ބިއޯޓެކްނޮލޮޖީ އަދި އެސްޓީ ޖޯންްސް ރިސާރޗް ހޮސްޕިޓަލުގެ އިތުރުން ފްރާންސުގެ އިންސްޓިޓިއުޓެއް ކަމަށްވާ ޔުނިވާސިޓީ އޮފް ސްޓްރާސްބާގްއެވެ.

އިންޑިއަން މެޑިކަލް ރިސާޗް ކައުންސިލް (އައިސީއެމްއާރް) އިން ބުނެފައިވާ ގޮތުން ކޮލޮން ކެންސަރަކީ ފިރިހެނުންނަށް ތިންވަނަ އަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރަކަށްވާއިރު، އަންހެނުންނަށް ދެވަނައަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރު ކަމަށެވެ. އަދި މިހާތަނަށް ދެނެގަނެވިފައިވާ ކޮލޮން ކެންސަރުގެ ވޭދަނަތަކުގައިވެސް ބަލި ދެނެގަނެވިފައިވަނީ ފަހު ސްޓޭޖްތަކުގައި ކަމަށް އައިސީއެމްއާރުން ބުނެފައިވެއެވެ.

މިހާރު ދުނިޔޭގެ ސިއްހީ ހިދުމަތްތެރިން ކޮލޮން ކެންސަރު ދެނެގަތުމަށް ބޭނުންކުރަމުން އަންނީ ދެތިން އުކުޅެކެވެ. އެއީ ސީޓީ ކޮލޮނޮގްރަފީ އާއި ކޮލޮނޮސްކޮޕީ އަދި އިމިއުނޮހިސްޓޮކެމިސްޓްރީއެވެ. ސީޓީ ކޮލޮނޮގްރަފީގައި ބޭނުންކުރަނީ ދަށް ޑޯޒްއެއްގެ ރޭޑިއޭޝަނެކެވެ. ކޮލޮނޮސްކޮޕީ ހެދުމަކީ ބަލި މީހާއަށް ވޭންހުރި ގޮތަކެވެ.

އާ ހޯދުންތަކުގެ އަލީގައި މިވަނީ ބަލި ދެނެގަތުމުގައި ކުރިއެރުމެއް ހޯދާފައެވެ. މައިކްރޯއާރްއެންއޭ މެދުވެރިކޮށް ސްޓޭޖް އެކެއްގައި ބަލި ދެނެގަނެވޭނެއެވެ. މި އުކުޅަކީ އެންމެ މިނެޓެެއް ހޭދަވާ ސިންގަލް ސްޓްރޭންޑެޑް އުކުޅެކެވެ. މި އުކުޅު މިހާރު ވަނީ އިންޑިއާގެ މެޑިކަލް ސައިންސް އިންސްޓިޓިއުޓްްއަށް އައިސްފައިވާ ކޮލޮން ކެންސަރުގެ ބަލި މީހުންނަށް ބޭނުންކޮށްފައެވެ.

އެ ޓެސްޓުތައް ކާމިޔާބު ވެފައިވާއިރު، ލިބުނު ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ކޮލޮން ކެންސަރު ޖެހިފައިވާ މީހުންނަށް އަވަހަށް ފަރުވާކޮށް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ސައިންސްވެރިންނަށް އެބަ އޮތެވެ.