ޣައްޒާއާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި މުޒާހަރާކުރި ފަލަސްތީނު ރައްޔިތުންތަކެއްގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 41 މީހަކު ޒަހަމްވެއްޖެއެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި އަނިޔާވި މީހުންގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކާއި ފުލުސް އޮފިސަރެއް ވެސް ހިމެނެއެވެ. ކުޑަކުއްޖާގެ ބޮލަށް ވަނީ ވަޒަނެއް އަރާފައިވާ ކަމަށާއި، އެކުއްޖާ އާއި ވަޒަން އަރައި ޒަހަމްވި ފުލުސްމީހާގެ ހާލު ސީރިޔަސް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
މުޒާހަރާވެރިންގެ ގަޔަށް އިސްރާއިލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ބަޑި ޖަހާފައިވަނީ އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިން ކަމުގައިވާ މަސްޖިދުލް އަޤުޞާ އަންދައިލި ހާދިސާއަށް 52 އަހަރު ފުރުމާއި ގުޅިގެން އިހުތިޖާޖުތައް ފުޅާދާއިރާއެއްގައި ކުރުމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާގޮތުން އިހުތިޖާޖު ހޫނުވެފައިވަނީ ފެންސުމަތިން އަރަން މުޒާހަރާވެރިންގެ ތެރެއިން ބައެއް މީހުން މަސައްކަތްކޮށް، އިސްރާއިލުގެ ސިފައިންނާއި ދިމާލަށް ގަލާއި ވެލި އުކަންފެށި ހިސާބުންނެވެ. އިސްރާއިލުގެ ސިފައިން ބުނެފައިވަނީ ފެންސުމަތިން އަރަން މުޒާހަރާވެރިންގެ ތެރެއިން ބައެއް މީހުން މަސައްކަތް ކުރަން ފެށުމުން ކަރުނަގޭސް ޖަހާފައިވާ ކަމަށެވެ.
މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ދިހައަކަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއިލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ ކުޑަކުދިންނާއި، ހަތިޔާރެއްނެތް އާންމު ރައްޔިތުންނަށް ހަމަލާދިނުން ވަނީ އާންމު ކަމަކަށް ހަދާފައެވެ. މިއަދު ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން ބައެއް މީހުންގެ ހާލު ސީރިއަަސް ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވެެއެވެ.
ނުޖަހާނެ....ހަމައެކަނި މިދުވަސް ކޮޅު މީހުންގަޔަށް ބަޑިޖަހާ މަރާނީ ތޯލިބާނުން. މިނޫސް ކިޔަންޔާ