އިސްރާއިލުގެ އަސްކަރީ ވައިގެ އުޅަނދުތަކުން ޣައްޒާގައި ހުރި ހަމާސްގެ ސައިޓުތަކަށް ބޮން އަޅައިފިއެވެ.
އެގައުމުގެ އަސްކަރިއްޔާއިން ބުނީ ހަމާސްގެ ސައިޓުތަކަށް ބޮން އަޅާފައިވަނީ ފަލަސްތީނުން ގޮވާ ޒާތުގެ ފުއްޕާހަންތަކެއް އަރުވާފައިވުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
އިސްރާއިލުގެ އަސްކަރިއްޔާއިން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. ނަމަވެސް، އިސްރާއިލުގެ އަސްކަރިއްޔާއިން މިއަދު ބުނީ ހަމަލާ ދީފައިވާނީ ހަމާސްގެ ހަތިޔާރުތައް އުފައްދާ ފެސިލިޓީތަކަށާއި، އެ ޖަމާއަތުގެ ރޮކެޓް ލޯންޗް ކުރުމަށް ބޭނުންކުރާ ސައިޓުތަކަށް ކަމަށެވެ.
ހަމަލާ ދީފައިވާނީ ޙާން ޔޫނިސްގައި ހުރި ހަތިޔާރު އުފައްދާ ސައިޓަކަށާއި، ޖަބަލްޔާއަށް އެތެރެވެވެން ހުންނަ ބިންގަރާސްތަކަށް ކަމަށް އިސްރާާއިލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ފަލަސްތީނުން ބުނީ ގޮވާ ޒާތުގެ ފުއްޕާހަން އަރުވާފައިވަނީ އިސްރާއިލުން ޣައްޒާގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. ފަލަސްތީނުން މިހެން ކަންތައް ކޮށްފައިވަނީ އިސްރާއިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ޣައްޒާގެ ޓެރިޓަރީއަށް ވަނުމަށް ދަތިވާތީކަން ފާހަގަ ކޮށްފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު ފަލަސްތީނުގެ މީހުން ގޮވާ ޒާތުގެ ފުއްޕާހަން އަރުވާފައިވަނީ އިސްރާއިލާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިންނެވެ. އަދި ހޮނިހިރު ދުވަހު ފަލަސްތީނުގެ މީހުން އިހުތިޖާޖު ކުރަމުން ދަނިކޮށް އިސްރާއިލުގެ ސިފައިން ބަޑި ޖެހުމުގެ ސަބަބުން މުޒާހަރާވެރިންގެ ތެރެއިން 41 މީހަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ތީ ނޫސްތަކުން ހަދައިގެން ދައްކާ ހޮޅި ވާހަކަ.