މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެކަމުން ދުރުކޮށްދިނުމަށް ވެދޭ އެހީއެއްގެ ގޮތުން ފައިސާ ދިނުމަށް އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާއިން ނިންމައިފިއެވެ.

ކެލިފޯނިއާއިން ވަނީ މީގެ އަހަރުތަކެއް ކުރިން އަސްކަރީ ދާއިރާގައި އުޅެފައި ތިބި މީހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާ ނަމަ ފައިސާ ދޭނެކަމަށް ވެސް ބުނެފައެވެ. ކެލިފޯނިއާއިން ފައިސާ ދޭން ހުށަހަޅައިގެން މަސްތުވާތަކެތީގެ ވަބާއިން މީހުން ދުރުކުރުމަށް މަސައްކަތް ކުރަން ނިންމާފައިވަނީ އެ ވަބާއިން އާންމުން ސަލާމަތްކުރުމަށް އޮތް އެންމެ ކާމިޔާބު ގޮތް ކަމުގައި ކެލިފޯނިއާގެ އިސް އޮފިޝަލުންނަށް ފެންނާތީއެވެ.

މި ފުރުސަތުގެ ދަށުން ފައިސާ ދިނުމަށް ހުށަހަޅާފައިވަނީ ވަކި މުއްދަތެއްގެ ތެރޭގައި ޑްރަގް ޓެސްޓް ކުރާއިރު، ނައްސި ނަތީޖާ ލިބޭ ކޮންމެ ފަހަރަކަަށް ވަކި ވަރެެއް ދޭގޮތަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ދުރުވުމަށް ކުރިޔަށްގެންދާ ތެރަޕީ ނިންމާލާއިރު، ޑްރަގް ޓެސްޓުގެ ހުރިހާ ޓެސްޓަކުން ނައްސި ނަތީޖާ ލިބިފައިވާ މީހުންނަށް 100 އަށް ވުރެ ގިނަ ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ. މި އުކުޅަށް ކިޔަނީ "ކޮންޓިންޖެންސީ މެނޭޖްމެންޓް"އެވެ.

މި އުކުޅު ބޭނުންކޮށް ކެލިފޯނިއާގައި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެ ގައުމުން މަސައްކަތް ކުރަން ފަށާފައިވަނީ އޯވާޑޯޒް ވެގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެޑިކްއެއިޑް މެދުވެރިކޮށް މިފަދަ ފަރާތްތަކަށް ދޭ ފައިސާގެ އިނާމު ޓެކްސް ފަންޑުން ދިނުމަށް ކެލިފޯނިއާ ސްޓޭޓުގެ އޮފިޝަލުން ސަރުކާރުގައި އެދިފައިވެއެވެ. ހަރަދު ކުރާނެ ވަރެއް އެނގޭނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު އެނގުނީމަ ކަމަށްވެސް އެ އޮފިޝަލުން ބުނެއެވެ. އެގޮތުން 1،000 މީހުން ބައިވެރިވާނަމަ ގާތްގަނޑަކަށް 286،000 ޑޮލަރުގެ ހަރަދެއްވެސް ހިނގައިދާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ވެކްސިން ނުޖަހާ މީހުންނަށް އިނާމުދޭންކެރޭ ބަޔަކުއުޅޭބާއެވެ.
    ވެކްސިން ނުޖާހަމީހުންނަށް އިނާޔަތްތަށް ދޭންކެރޭ ބަޔަކު ވުޖޫދުގައި އުފަންވާނެދުވަހެއްގެ އިންތިޒާރުގައި ހުރީމޭ.
    ދެން މިކޮމެންޓު ޝާޢިއު ކުރަން ނުކެރޭތާ މިކިޔާ މީހުންވެސް ބިރުން ކޮވިޑިށް ފައްސި ނުވެއްޖެއްޔާވާ ހާދަހާރަނގަޅެވެ.

    2
    1