އިންޑިއާގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށް މަރާލި މައްސަލައިގައި ހިމެނޭ ފާދިރީ މީހާއާއި އިތުރު ތިން މީހަކަށް ދައުވާ އުފުލައިފިއެވެ.

މިމަހުގެ އެއް ވަނަ ދުވަހު އެކުއްޖާ ރޭޕްކޮށް މަރާލި މައްސަލައިގައި އެގައުމުގެ ދިއްލީގައި ގިނަ ބަޔަކު އަންނަނީ ހަމަ ނުޖެހުން ހިންގަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ އެ މައްސަލައާއި ގުޅިގެން ހަރުކަށި ތަހުގީގެއް ހިންގައި އެމީހުންނަށް ދައުވާ ކުރުމަށް ފޮނުވާފައެވެ.

ފުލުހުން މީގެ ކުރިން ބުނީ، އެމީހުން ކުއްޖާ ރޭޕް ކޮށްފައިވަނީ އެމީހުން އެކުއްޖާ ގޮވައިގެން ގޮސް ތަނަކަށް ވައްދައިގެން ކަމަށެވެ. އެހެން ނަމަވެސް ކުއްޖާގެ މަންމަ ކައިރީ އެމީހުން ބުނެފައިވަނީ އެކުއްޖާ މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެން ކަމަށެވެ.

އަދި އެކުއްޖާގެ އޮޓޮޕްސީ ރިޕޯޓެއް ހައްދައިފިނަމަ، ކުއްޖާގެ ހަށިގަނޑުގައިވާ ހުރިހާ ގުނަވަނެއް ނަގައި ވިއްކާލާނެ ކަމަށް ކުއްޖާގެ މަންމަ ކައިރީ ބުނެ ވަނީ ބިރުދައްކާފައެވެ. އޭގެ ފަހުން ޖަނާޒާއެއް ބާއްވައި ކުއްޖާގެ ހަށިގަނޑު ވަނީ އަންދާލާފައެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރިއިރު، އެމީހުންނަށް ދައުވާ ކުރެވޭނެ ހުރިހާ ހެކި ވަނީ ހުށަހަޅާފައެވެ. އަދި 30 ދުވަހުގެ ތެރޭގައި އެމީހުންނަށް އަދަބު ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އެމީހުންނަށް އަދަބެއްގެ ގޮތުގައި އޮންނާނީ މަރަށް މަރެވެ.

ނޭޝަނަލް ކްރައިމް ރިކޯޑްސް ބިއުރޯއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު އެގައުމުން ކޮންމެ ދުވަހަކު ގޮތަކަށް ތުއްތު ކުދިންނާއި އަންހެނުން ހިމެނޭހެން 90 ރޭޕް މައްސަލަ ފެންމަތިވެއެވެ.