ކޮވިޑް-19 ޖެހިގެން މިއަދު ސްރީލަންކާ އިން 216 މީހުން މަރުވެއްޖެއެވެ. މިއަދަކީ ކޮވިޑް ޖެހިގެން ލަންކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ލަންކާ ސަރުކާރުން މިރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް ޖެހިގެން ލަންކާ އިން މިއަދު ވަނީ 115 ފިރިހެނުންނާއި 101 އަންހެނުން މަރުވެފައެވެ. މިއަދު މަރުވި މީހުންގެ ތެރެއިން 46 މީހުންނަކީ އުމުރުން 59 އަހަރުން ދަށުގެ މީހުންނެވެ. ކޮވިޑް ޖެހިގެން ލަންކާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8991 އަށް އަރާފައެވެ.

ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު އެގައުމުން ގެންދަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރަމުންނެވެ. މިއަދު ލަންކާ އިން ވަނީ އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކުގެ ގެތަކަށް ގޮސް ވެކްސިން ޖެހުމުގެ ހިދުމަތް ވެސް ފަށާފައެވެ.

ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވުމުން އެގައުމު މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ. އެގައުމު ފުރަބަންދު ކޮށްފައި އޮންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވީނަމަވެސް އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާ ސަބަބަކީ ހަލުވިކަމާއިއެކު ޑެލްޓާ ވޭރިއަންޓް ފެތުރެމުން ދިއުމެވެ. ނަމަވެސް މިހާރު ވެކްސިން ދެވެމުންދާ އަދަދުތަކަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ލަންކާ ސަރުކާރުން އުއްމީދު ކުރެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ލަންކާގެ ހޮސްޕިޓަލްތައް ވެސް މިހަރު ވަނީ ފުރިފައެވެ. ސަރުކާރުގެ ހުރިހާ ހޮސްޕިޓަލެއް ކޮވިޑް ބަލި މީހުންނަށް ހާއްސަކޮށްފައި ވީނަމަވެސް ހޮސްޕިޓަލްތަކުން ޖާގައެއް ހޯދުން ވަނީ ދަތިކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު