ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔަޓް ޗަން-އޯ-ޗާގެ އިތުބާރުނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި މައްސަލަ އިން އޭނާ އަނެއްކާވެސް ސަލާމަތްވެއްޖެއެވެ. މިއީ ޕްރަޔަޓް އިތުބާރުނެތް ކަމުގެ ވޯޓުން ސަލާމަތްވި ތިންވަނަ ފަހަރެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ތައިލެންޑް ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ބޮޑުވަޒީރު މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ސަބަބަކީ ވެސް ކޮވިޑް ކޮންޓްރޯލް ނުވެ، އިތުރަށް ބަލި ފެތުރިގެން ދިއުމެވެ.

ޕްރަޔަޓްގެ މައްޗަށް ގާނޫނު ހަދާ މަޖިލީހުގެ އިތުބާރު އޮތްތޯ ބަލަން ނެގި ވޯޓްގައި އޭނާ އަށް އިތުބާރު އެބައޮތް ކަމަށް 264 މެންބަރުން ވޯޓް ދެއްވިއެވެ. އޭނާ އާއި ދެކޮޅަށް ވޯޓް ދެއްވީ 208 މެންބަރުންނެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން 242 މެންބަރުންގެ ތާއިދު ބޭނުން ވެއެވެ. ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގައި 482 މެންބަރުން ތިއްބަވައެވެ.

ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ތައިލެންޑަށް ކޮވިޑާއި ގުޅިގެން ވަނީ ގިނަ އިހްތިސޯދީ ދަތިތަކެއް ކުރިމަތިވެފައެވެ. އެތައް ލައްކަ ބައެއްގެ ވަޒީފާ ގެއްލިފައި ވާއިރު ސަރުކާރުން އިގްތިސޯދީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު ވެކްސިން ހޯދަން ވެސް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އދ.ގެ އިން އިސްނަގައިގެން ފަށާފަައިވާ ކޮވެކްސް ޕްރޮގްރާމްގައި ތައިލެންޑުން ބައިވެރިވެފައި ނުވާތީއެވެ.

ތައިލެންޑްގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ގެންދަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ. މުޒާހަރާތައް ހުއްޓުވަން ސިފައިން ނިކުމެ މިދިޔަ ހަފްތާގައި ވެސް ވަނީ ކަރުނަގޭސް ޖަހާފައެވެ.