މީގެ 20 އަހަރުކުރިން އެމެރިކާގައި ދެވުނު ނިރުބަވެރި ހަމަލާގެ ހަނދާންތައް ފޮހެލުމުގެ ބޭނުމުގައި އެ ގައުމުގެ ނޭވީ އޮފިސަރަކު ކައިވެނިކޮށްފިއެވެ.

ޔޫއެސްގެ ނޭވީ އޮފިސަރެއް ކަމަށްވާ ކްރިސް އަކާސް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު މަސައްކަތް ކުރަމުން ދިޔައީ އެމެރިކާގެ އަސްކަރިއްޔާގެ މައި މަރުކަޒު ޕެންޓަގަންގައެވެ. ނިރުބަވެރިން ހައިޖެކްޓުކޮށްފައިވާ މަތިންދާބޯޓު ޕެންޓަގަންގެ އިމާރާތަށް އެރި އިރު މި ހާދިސާގައި ބޯޓުގައި ތިބި މީހުންގެ ތެރެއިން 64 މީހުން އަދި ޕެންޓަގަން އިމާރާތުން 125 މީހުން މަރުވި އެވެ.

މި ހާދިސާއާއި ގުޅިގެން ކޮންމެ އަހަރަކު މި ހަނދާންތައް އާކުރާއިރު މި އަހަރު އަކާސް ބޭނުންވީ އަނދިރި އެ ދުވަހުގެ ހަނދާންތައް ފޮހެލައި މި ދުވަހަކީ އުފާވެރި ދުވަހެއްގެ ގޮތުގައި ހެދުމަށެވެ. އެގޮތުން އޭނާ ވަނީ މި ހާދިސާ ހިނގި ދުވަހާއި ދިމާކޮށް އޭނާގެ ލޯބިވެރިޔާ އެލީޝާ ހަގޭލް އާއި ކައިވެނިކޮށްފައެވެ.

ދަ ސްޓޭޓް ޖާނަލް ރެޖިސްޓަރ އަށް ދިން އިންޓަވިއުއެއްގައި އަކާސް ބުނީ އޭނާ ބޭނުންވަނީ އެދުވަހުގެ ހަނދާންތައް ކޮންމެ އަހަރަކު ކުރުމުގެ ބަދަލުގައި އެދުވަސް އުފާވެރި ގޮތަކަށް ހެދުން ކަމަށެވެ.

9/11 ހާދިސާ ހިނގި ދުވަހުގެ ހެނދުނު އެމެރިކާގެ ނިއު ޔޯކް ގައި ހުންނަ ވޮލްޑް ޓްރޭޑް ސެންޓަރަށް ނިރުބަވެރި ހަމަލާއެއް ދީގެން އުޅޭކަމުގެ މައުލޫމާތު އޭނާ އަށް ލިބުނު ކަމަށް އަކާސް ބުންޏެވެ. އަކާސް ބަދިގޭގައި ހުއްޓާ ބާރުގަދަ އަޑެއް އިވުނު ކަމަށް އޭނާ ބުންޏެވެ. އަދި ލުއްވާތައް ތަޅައިގެން ގޮސް ގިނަ ބަޔަކަށް އަނިޔާވިތަންވެސް އޭނާ އަށް ފެނުނެވެ.

ހާދިސާ ހިނގި ދުވަހަށްފަހު އަކާސް މަސަައްކަތް ކުރީ މި ހާދިސާއަށް އެހީވުމުގައި އުޅޭ ފަރާތްތަކަށް ކެއްކުމުގައި އެވެ. މި ހާދިސާގެ ހަނދާންތައް އަކާސްގެ ހަނދާނުން ފިލާފައި ނުވާއިރު ދެން އެ ހަނދާންތައް ހަނދާން ކުރާކަށް ނުޖެހޭނޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު