ސްރީލަންކާގައި ފޮރެކްސް ކާރިސާއަކާއި ކުރިމަތިލާންޖެހި، ގައުމަށް މުދާ އެތެރެކުރުމަށާއި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވަނިކޮށް އެގައުމުގެ ގަވަރުނަރު ވެލިގަމާގެ ޑޮން ލަކްޝްމޭން އަންނަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އެބޭފުޅާ އިސްތިއުފާ ދެއްވަން ނިންމާފައިވާކަން އިއުލާންކޮށްފައިވާއިރު، ގައުމުގެ ރިޒާވްއާއި ގައުމަށް ލިބެމުން އަންނަ މާލީ ފައިދާލިބެމުންދާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. ކޮވިޑް-19އާ ގުޅިގެން ގައުމު ފުރަބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ދަރަނިތައް އަދާކުރުމުގައި ވެސް އަންނަނީ ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ.

ސްރީލަންކާގެ ފޮރެކްސް ރިޒާވް 2.8 ބިލިއަން ޑޮލަަރަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ދަށްވެފައިވަނީ އެ ފައިސާތަކުގައި ޖެހި، އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރުމުންނެވެ.

ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެގައުމުގެ ސެންޓްރަލް ބެންކުން ވަނީ ގައުމުން ބޭރުކުރެވޭ ފައިސާގެ އަދަދުތައް ލިމިޓްކޮށްފައެވެ. އަދި މީގެ އިތުރުން މުދާ އެތެރެކުރުމުގެ ގަވާއިދުތަކަށް ބަދަލުގެނެސް، ޗޮކްލެޓާއި، ޑެއިރީ ޕްރޮޑަކްޓުތައް، ކޮސްމެޓިކްސް، އަންނައުނު، އިލެކްޓްރޮނިކްސް އަދި ވައިން ފަދަ ތަކެތި ގައުމަށް އެތެރެކުރުން މަދުކުރުމަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު