ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 20 މީހުން މަރުވެ، 300 އަށް ވުރެ ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނަށް ބިންހެލުން އަރާފައިވަނީ އެގައުމުގެ އެކަހެރި ސަރަހައްދެއް ކަމަށްވާ ހަނާއީއަށެވެ. ޕާކިސްތާންގެ ބޮލޮޗިސްޓަން ޕްރޮވިންސްގެ އަވަށަކަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 3 ހާއިރުއެވެ.

ލިބިފައިވާ މައުލޫމާތައް ބަލާއިރު، ބިންހެލުން އަރާފައިވާ ކަމަށް ފުރަތަމަ ބުނެފައިވަނީ 5.7 މެގްނިޓިއުޑް ބާރުމިނުގައެވެ. އަދި ގަޑިއެއްހާއިރު ފަހުން އެ ނިންމުމަށް ބަދަލު ގެނެސް 5.9 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް ކަމަށް ކަނޑައަޅާފައިވެއެވެ.

ޑިޒާސްޓާ މެނޭޖުމެންޓުން ބުނެފައިވަނީ މިހާތަނަށް ބިންހެލުމުގެ ސަބަބުން މަރުވި 20 މީހުންގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭ ކަމަށެވެ. ޒަހަމްވި މީހުންގެ އަދަދު 300 އަށް ވުރެ އިތުރުވެފައިވާއިރު މަރުވި މީހުންގެ އަދަދުވެސް އިތުރުވެދާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދަށް ބިންހެލުން އައިސްފައިވަނީ މީހުން ނިދާފައި ތިއްބައެވެ. އެރި ބިންހެލުމާއެކު އެތައް ގެއެއް ސުންނާފަތިވެ، ބިމާއި ހަމަވެފައިވެއެވެ. ރެސްކިއު ޓީމުން މިހާތަނަށް ކުރަމުންއައި މަސައްކަތުގައި ކޮންކްރީޓުތައް ތެރެއިން ގިނަ ބަޔަކު ސަލާމަތް ކޮށްފައިވެއެވެ. އެހެންކަމުން ކޮންކްރީޓްތަކުގެ ތެރޭގައި އަދިވެސް އިތުރު މީހުން ތިބެދާނެ ކަމަށް ރެސްކިއު ޓީމުތަކުން ގަބޫލުކުރެއެވެ.

ޕާކިސްތާނުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނާގޮތުން ބިންހެލުމާއެކު ބޮލޮޗިސްޓަންގެ ސަރަހައްދުތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެގޮތުން އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިއުމާއެކު، އެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ބިންގަނޑުވަނީ ކަނޑައިެން ގޮސްފައެވެ. މިކަމުގެ ސަބަބުން މަގުތަކުގެ ތާރުތައް ހަލާކުވެ، ތާރުތަކާއެކު ފަސްގަނޑު މައްޗަށް އެރުމުގެ ސަބަބުން އެއްގަމު އުޅަނދުތަކަށް ދަތުރުނުކުރެވޭ ވަރަށް މަގުތަކުގެ އެތައް ތަނެއްވަނީ ހަލާކުވެފައެވެ.

ބޮލޮޗިސްޓަން އަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު