އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ދުވަސްވީ، އެންމެ ވަރުގަދަ އެއް ގާނޫނު ހަދާ މަޖިލީހެވެ. ދުނިޔޭގެ އެތައް ގައުމަކުން ގާނޫނުތައް ހެދުމުގައި މިސާލެއްގެ ގޮތުގައި ބަލަނީ އިނގިރޭސިވިލާތެވެ. އެގައުމުގެ މަޖިލީހުގެ ކަންކަން ރޭވި އިންތިޒާމް ކުރެވިފައި އޮންނަ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެތައް ގައުމަކުން ބަލައި ގަނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދެވެމުންދާ ހަމަލާތަކަށް ބަލާއިރު އެއީ މެންބަރުންނަށް އެންމެ ރައްކާތެރި ގައުމު ނޫންކަން ކަށަވަރު ވެއެވެ.

އިނގިރޭސިވިލާތުގެ މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއްމެންބަރު ކަމަށްވާ ޑޭވިޑް އެމްސްއަށް އިއްޔެ ވަނީ ވަޅިން ހަމަލާދީ އަވަހާރަކޮށްލާފައެވެ. އޭނާ އަވަހާރަވީ ވަޅިން ދިން ހަމަލާއަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރަމުން ދަނިކޮށެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އިނގިރޭސިވިލާތުގައި ހަމަލާ ދެވުނު ހަތަރު ވަނަ މަޖިލިސް މެންބަރެވެ. އޭގެ ތެރެއިން ދެމެންބަރަކު އަވަހާރަވިއެވެ.

ޖޯ ކޮޒް

އިދިކޮޅު ލޭބާ ޕާޓީގެ މުހިއްމު މެންބަރެއް ކަމަށްވާ ޖޯ ކޮޒް އަވަހާރަކޮށްލީ 2016 ވަނަ އަހަރު އެކަމަނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. އެއީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ބަހުސް އެންމެ ވަރުގަދައަށް ކުރެވެމުން ދިޔަ ދުވަސް ވަރުއެވެ. ޖޯ އެކަމަނާގެ އިންތިހާބީ ދާއިރާގެ އާއްމުންނާއި ބައްދަލު ކުރަމުން ދަނިކޮށް ހަމަލާ ދިނީ އިނގިރޭސިވިލާތް އީޔޫގައި ދެމިއޮންނަން ތާއިދު ކުރާ މީހެކެވެ.

އުމުރުން 41 އަހަރުގެ ދެކުދިންގެ މަންމަ ޖޯ އަވަހާރަކޮށްލި މައްސަލައިގައި ހައްޔަރުކުރީ ނާޒީ އައިޑޮލޮޖީ ގަބޫލު ކުރާ ތޯމަސް ނަމަކަށް ކިޔާ މީހެކެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހު ވަނީ ތޯމަސް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ސްޓީވެން ޓިމްސް

ތަޖުރިބާކާރު މެންބަރެއް ކަމަށްވާ އަދި ކުރިން ކެބިނެޓް މިނިސްޓަރު ކަން ވެސް ކުރެއްވި ސްޓީވެން ޓިމްސް އަށް 2010 ހަމަލާ ދިނީ ލަންޑަންގައި ހުންނަ އޭނާގެ އޮފީހުގައި މީހުންނާއި ވަކިވަކިން ބައްދަލު ކުރަމުން ދަނިކޮށް ބައްދަލުވުމަށް ވަން 21 އަހަރުގެ ޒުވާނެކެވެ. ސްޓީވެން އަށް ހަމަލާ ދިނީ އިރާޤު ހަނގުރާމަ އާއި ދެކޮޅު ޒުވާނެކެވެ. އަވަސް ފަރުވާގެ ސަބަބުން ސްޓީވެންގެ ފުރާނަ ސަލާމަތް ކުރެވުނެވެ. ސްޓީވެންއަށް ހަމަލާ ދިން ޒުވާނާ 15 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. ސްޓީވެން އަކީ އަދިވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.

ނިގެލް ޖޯންސް

ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ ނިގެލް ޖޯންސް އަށް 2000 ވަނަ އަހަރު ހަމަލާ ދިނީ ކަނޑިއަކުންނެވެ. އޭނާ އަށް ހަމަލާ ދިން މީހާ ވަނީ ކައިރީގައި ހުރި ކައުންސިލަރަކު މަރާލާފައެވެ. ނިގެލް ޖޯންސް އަށް އެހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.

އިއްޔެ ޑޭވިޑް އެމްސް އަވަހާރަ ކޮށްލުމާއިއެކު އިނގިރޭސިވިލާތުގެ މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބަހުސް އަނެއްކާ ވެސް ވަނީ ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަދިސައިބު

    ﷲއިރާދަކުރެއްވީޔާ އިންގިރޭސިވިލާތާއި އެމެރިކާ އަކީ ނާތަހުޒީބު ދެގައުމަށްވާނެ

    2
    1
    • އިބިލީ

      ރަންގަޅުމުސްލޮމެއް އެހެން މީހެއްގެ ދެރައަކައް ނޭދޭނެ