އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޒީ ޖިންޕިން އިއްޔެ އޮންލައިންކޮށް ބޭއްވި ސަމިޓް ތިން ގަޑިއިރުގެ މަޝްވަރާތަކަށް ފަހު ނިންމާލައިފިއެވެ. ބައްދަލުވުން ފަށައިގެން ދިޔައީ ދެގައުމުގެ ވެރިންގެ ވެސް ޝަކުވާތަކާއިއެކު އަދި ވަރަށް ސާފުކޮށް އިންޒާރުގެ މެސެޖްތައް ވެސް ރައްދު ކުރަމުންނެވެ. ނަމަވެސް ސަމިޓް ނިންމާލީ ކުރިއަށް އޮތްތަނުގައި އިތުރު މަޝްވަރާތަކަށް އެއްބަސްވަމުންނެވެ.

ބައްދަލުވުމުގައި ޗައިނާގެ ރައީސް އެންމެ ބޮޑަށް އެމެރިކާއަށް އިންޒާރު ދެއްވީ ޓައިވާންގެ މައްސަލައިގައެވެ. ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާ އިން ބުނާބުނުން ތަކުރާރު ކުރައްވަމުން ޒީ ވިދާޅުވީ ޓައިވާން ވަކި ގައުމެއްގެ ގޮތުގައި މިނިވަންކަން އިއުލާން ކުރުމަށް ހިތްވަރުދީ "ރަތް ރޮނގު" ހުރަސް ކުރަނީ އެމެރިކާ އިން ކަމަށް ވެއްޖެނަމަ އެމެރިކާ އަށް ވެސް އަދި އެކަން ކުރާ އެހެން ގައުމަކަށް ވެސް ހިތުން ފިލައިގެން ނުދާނެ ވަރުގެ އަދަބެއް ދޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ބައިޑެން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތެވެ. މުސްލިމުންނާއި މެދު ޗައިނާ އިން އަމަލު ކުރަމުން ގެންދާ ގޮތާއި ހޮންކޮންގައި މުޒާހަރާތައް ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް ބައިޑެން ފާހަގަ ކުރެއްވެވިއެވެ. މަޑުމައިތިރިކަމާއިއެކު ޗައިނާގެ ރައީސް ވިދާޅުވީ އެމެރިކާ އިން އަމަލު ކުރާ ގޮތައް އިންސާނީ ހައްގުތަކުގެ ނިވާފަތްގަނޑުގައި ތިބެ އެއްވެސް ކަމެއް ކުރަން ޗައިނާ އިން ބޭނުން ނުވާ ކަމަށެވެ. އިންސާނީ ހައްގުތައް ދެއްކުމަށް ފަހު ގައުމުތަކުގެ ދާހީލީ ކަންކަމާއި ބެހުމަކީ ޗައިނާ އިން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޒީ ވިދާޅުވިއެވެ.

އެމެރިކާގެ ސަލާމަތީ ކަންކަމާއި ބެހޭ އެޑްވައިޒަރު ޖެކް ސްލްވިއަން ވިދާޅުވީ ހަތިޔާރު އުފެއްދުން ކޮންޓްރޯލް ކުރުމާއި ނިއުކްލިއާ ހަތިޔާރު އިތުރު ވަމުންދާ މައްސަލައިގައި އިތުރަށް މަޝްވަރާ ކުރަން ދެރައީސުން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތެއް އަދި ޗައިނާ ސަރުކާރުން ވެސް އެމެރިކާގެ ވައިޓް ހައުސް އިން ވެސް ހާމައެއް ނުކުރެއެވެ.