ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމަށްވާ "އޮމިކްރޮން" ވޭރިއަންޓް ދެކުނު އޭޝިއާ އިން ފެނުމާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް "މިހާރުން މިހާރަށް" އުވާލުމަށް ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ގައުމުތަކަށް ގޮވާލައްވައިފިއެވެ.

ދެކުނު އެފްރިކާގެ ރައީސް މިގޮތަށް ގޮވާލެއްވީ، އޮމިކްރޮން ވޭރިއަންޓްގެ ވޭދަނަތައް ނެދަލެންޑްސް، ޑެންމާކް، އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ފެންނަމުންދާތީ ގައުމުތަކުން ފިޔަވަޅުތައް ވަރުގަދަ ކުރި ދަނޑިވަޅެއްގައެވެ. އެގޮތުން މޮރޮކޯ، އިސްރާއިލް އަދި ޖަޕާނުން ވަނީ އެއްވެސް ގައުމެއްގެ މީހުންނަށް އެތެރެނުވެވޭނެހެން އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓަކީ ކަންބޮޑުވުން އޮތް ވޭރިއެންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދެކުނު އެފްރިކާ ސަރަހައްދުގެ މީހުން އެ ގައުމުތަކަށް އައުން މަނާ ކުރަމުންނެވެ.

"އަހަރެމެންގެ ގައުމާއި، އަހަރެމެންގެ އަވަށްޓެރި ގައުމުތަކަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާ ހުރިހާ ގައުމުތަކަކުން، ފިޔަވަޅުތައް އުވާލުމަށް ގޮވާލަން،" އޮމިކްރޮން ވޭރިއެންޓް ފެނުނު ފަހުން ގައުމާ މުހާތަބު ކުރައްވާ ދެއްވި ފުރަތަމަ ތަގުރީރުގައި ރަމަފޯސާ ވިދާޅުވިއެވެ.

ރަމަފޯސާ ވިދާޅުވީ، ދަތުރުފަތުރުކުރުން މަނާކުރުމުން ގައުމުތަކުގެ އިގްތިސާދަށް އިތުރު ގެއްލުންތަކެއް ލިބި، ބަލިމަޑުކަމުން އަރައިގަތުމުގެ ގާބިލްކަން ދަށްވެގެންދާނެ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ހާމަކޮށްދެނީ ދެކުނު އެފްރިކާގެ ގައުމުތަކާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި ބޭއިންސާފު ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑިރެކްޓަރު މަޓްޝިޑިސޯ މޮއެޓީ ވިދާޅުވީ، އާ ވޭރިއެންޓް ފެނުމާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ކޮންމެވެސް ވަރެއްގެ އެހީއަކަށް ވެދާނެ ކަމަށެވެ.

ނަމަވެސް، އޭގެ ސަބަބުން ދިރިއުޅުމުގައި ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ.