ޖަޕާނަށް ކުރަމުންދާ ވިސާރައިގައި 83 މީހުން މަރުވެ އެތަަށް ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

ޖަޕާނަށް ރެކޯޑް މިންވަރަކަަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 83 އަށް އެރި އިރު ފެންބޮޑުވުމުގެ ސަބަބުން ބައެއް ކޯރުތައް ބަންޑުން ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އޮފިޝަލުން ބުނެއެވެ.

ވިއްސާރައިގެ ސަބަބުން 2 މިލިއަން މީހުން މިހާރުވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ކިސަޑު ފޭބުމުގެ ސަބަބުން ބައެއް މީހުން ދިރިތިއްބާ ވަޅުލެވިފައިވެސް ވެއެވެ.

ފެންބޮޑުވެ، ކޯރުތައް ބަންޑުންވީ އާއްމުކޮށް މުޅި ޖުލައި މަހު ޖަޕާނަށް ވާރޭ ވެހޭ މިންވަރަށްވުރެ 4 ގުނަ އިތުރަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 4 ދުވަސް ތެރޭ ވާރޭ ވެހުމާއި ގުޅިގެންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ޖަޕާނުގެ ދެކުނުގެ ހަތަރު ރަށެއްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތައް ހާސް ބަޔަކު ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތަކަށް ބަދަލުކޮށްފައެވެ.

ޖަޕާނުގެ ރަސްމީ ޓީވީ އެންއެޗްކޭ އިން ބުނީ ބްރިޖްތައް ވެއްޓި، ފެންބޮޑުވެ ބައެއް މަގުތައް ބަންދުވުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

ކެބިނެޓް ސެކްރެޓަރީ ޔޮޝީދާ ސޫގާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފެންބޮޑުވުމުގައި ގެއްލުނު މީހުން ހޯދުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.