މިއަހަރު ރިކޯޑު އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް، ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދުކޮށްފައިވާ ކަމަށް އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕުރޮޓެކްޓު ޖާނަލިސްޓްސް، ސީޕީޖޭ އިން ބުނެފިއެވެ.

ސީޕީޖޭގެ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރުގެ ޑިސެންބަރު މަހުގެ 1ވަނަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ އެކި ގައުމުތަކުގައި 293 ނޫސްވެރިން ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި 2021ވަނަ އަހަރަކީ ރެކޯޑު އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް ޖަލުގައި ބަންދުކުރި ޖެހިޖެހިގެން ހަވަނަ އަހަރު ކަމަށްވެސް އެ ޖަމިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ޖަމުޢިއްޔާއިން މިއަދު ނެރުނު އަހަރީ ސާވޭގައި ބުނެފައިވަނީ ނޫސްވެރިން ގެނެސްދިން ކަވަރޭޖްގެ ސަބަބުން 24 ނޫސްވެރިން މަރާލާފައިވާ ކަމަށެވެ. އަދި ގޮތް ނޭނގޭ ގޮތަކަށް އިތުރު 18 ނޫސްވެރިން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށް ދަތިކުުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މާހައުލުތައް ފާހަގަ ކޮށްފައިވެއެވެ. އޭގެތެރޭގައި، ހޮންކޮންގާއި ޝިންޖިއާންގައި ނޫސްވެރިންނަށް އަމާޒުކޮށް ބޭނުންކުރި ގާނޫނުތަކާއި، މިޔަންމާގައި ފެބްރުއަރީ މަހު ގެނައި ބަޣާވާތާއި، އިތިއޯޕިއާގެ އުތުރުގައި ކުރި ހަނގުރާމައާއި، ބެލަރޫސްގައި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގި ހަރުކަށި އަމަލުތައް ހިމެނެއެވެ.

ސީޕީޖޭ އިން ބުނި ގޮތުގައި އެންމެ ގިނަ އަދަދެއްގެ ނޫސްވެރިން ޖަލުގައި ބަންދުކޮށްފައިވަނީ ޗައިނާގައެވެ. އެގޮތުން ޗައިނާގައި 50 ނޫސްވެރިންވަނީ ބަންދުކޮށްފައެވެ. މިޔަންމާގައި 26 ނޫސްވެރިންވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން މިސްރުގައި 25، ވިއެޓްނާމުގައި 23 އަދި ބެލަރުސްގައި 19 ނޫސްވެރިންވަނީ ހައްްޔަރު ކޮށްފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން މީޑިއާތަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް އެގައުމުގައި އަންނަނީ ކުރިޔަށް ގެންދަމުންނެވެ. ބައިނަލްއަގުވާމީ ބޮޑެތި ނޫސްތަކުން ފެށިގެން ބްލޮގަރުންނާ ހަމައަށް މަދުވެގެން 127 ނޫސްވެރިން ޗައިނާގައި މިހާރު ބަންދުކޮށްފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ބުނެފައިވެއެވެ.