ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ވެރިރަށް ރިޔާޛް ދޫކުރައްވާ ނިއޯމްއަށް ވަޑައިގެން އެސިޓީގައި ހުންނަ ގަނޑުވަރެއްގައި ދިރިއުޅުއްވަމުން ގެންދަވާތާ 480 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް "ބިޒްނަސް އިންސައިޑާ" އިން ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް-19 ފެތުރެން ފެށިފަހުން ވަރަށް ބޮޑަށް އެކަހެރިވެވަޑައިގެން އުޅުއްވާ ސައުދީ ރަސްގެފާން ނިއޯމްގައި ދިރިއުޅުއްވަނީ ވެސް ބައްދަލުވާ މީހުންގެ އަދަދު މަދުކުރަން ކަމަށް ވެއެވެ. މިހާރު އުމުރުން 85 އަހަރުފުޅު ވެފައިވާ ރަސްގެފާން ސަލްމާންގެ ސިއްހީ ހާލުކޮޅު ވެސް ރަނގަޅު ނޫން ކަމަށް ވެއެވެ. ނަމަވެސް "ފައިސާ އަށް ގަނެވެން ހުރި އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް" ރަސްގެފާން ސަލްމާނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ސަލްމާން ރަސްގެފާނަށް ސިއްހީ ފަރުވާ ދިނުމަށް ހާއްސަ ކޮށްފައި ތިބެނީ އެމެރިކާގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ރަސްގެފާން މިހާރު ކެބިނެޓްގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވަނީ އޮންލައިންކޮށެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވެސް ފާއިތުވި އަހަރެއްހާ ދުވަހު ގިނައިން ވަގުތު ހޭދަކުރެއްވީ ނިއޯމްގެ ގަނޑުވަރެއްގައި ނުވަތަ އޭނާގެ ހާއްސަ ޔޮޓްގައި ރަތްކަނޑުގައެވެ. ނިއޯމް އަކީ ރަތްކަނޑުގެ އައްސޭރިފަށުގައި އޮންނަ ސިޓީއެކެވެ. ނިއޯމްގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ހާއްސަ ފަސް ގަނޑުވަރު ހުންނަ ކަމަށް ވެއެވެ.

2017 ވަނަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއްޔާގެ ވަލީއަހްދުގެ މަގާމަށް ވަޑައިގެންނެވި މުހައްމަދަކީ މިހާރު ވެސް ސައުދީ އަރަބިއްޔާގެ ސަރުކާރު ހިންގުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅާއެވެ. މުހިއްމު ގިނަކަންކަން ނިންމަމުން ގެންދަވަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

ސައުދީ އަރަބިއްޔާގެ އިޤުތިޞާދު ތެލަށް ބަރޯސާ ވުން ކުޑަކުރުމަށްޓަކައި އިޤުތިޞާދު އެހެން ދާއިރާތަކަށް ފުޅާ ކުރުމަށް މުހައްމަދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭނާގެ އެންމެ ބޮޑު އަމާޒެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ފަތުރުވެރިކަމުގެ ދާއިރާ އިން އިންވެސްޓްމަންޓްތައް އިތުރުކޮށް، ހުރިހާ އެންމެނަށް ސައުދީ އަރަބިއްޔާ ހުޅުވާލުމަށް ގިނަ މަސައްކަތަކެއް އަންނަނީ ކުރަމުންނެވެ.

"ބިޒްނަސް އިންސައިޑާ" އިން ބުނާ ގޮތުގައި ރަސްގެފާން ސަލްމާން އަވަހާރަވެ ވަލީއަހްދު މުހައްމަދަށް ރަސްކަން ލިބުނު ނަމަވެސް ސައުދީ އަރަބިއްޔާގެ ސިޔާސަތުތަކަށް މިހާރު ދެން އިތުރު މާގިނަ ބަދަލުތަކެއް ނާންނާނެއެވެ. ނަމަވެސް މުހައްމަދުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބައެއް މެންބަރުންގެ މެދުގައި ނުތަނަވަސް ކަން އުފެދިފައިވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. އެހެންކަމުން ޝާހީ އާއިލާގެ ތެރެއިން މުހައްމަދަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

މުހައްމަދު ވަލީއަހްދުގެ މަގާމަށް އައްޔަން ކުރީ ވެސް ސައުދީ އަރަބިއްޔާގައި ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލާއި ހިލާފަށެވެ. އެއުސޫލު އޮތް ގޮތުން ރަސްގެފާން ސަލްމާންގެ ވަލީއަހްދުގެ ގޮތުގައި ފުރަތަމަ ހުންނެވީ ވެސް ރަސްގެފާން ސަލްމާންގެ ކޮއްކޮ މުހައްމަދު ބިން ނާއިފް އަލް ސައުދު އެވެ. ނަމަވެސް މުހައްމަދު ބިން ނާއިފް މަގާމުން ދުރުކޮށް ރަސްގެފާން ސަލްމާން ވަނީ އެމަނިކުފާނުގެ ދަރިކަލުން މުހައްމަދަށް ރަސްކަން ވާރުތަވާގޮތް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނެޑީ

    ރަސްގެފާނު މަރުވީމަ ޝާހީ ކުޅިގަނޑުފަށާނެ. ސުލްހަވެރިކޮށް ގޮސްފިޔާ ވަރަށްވެސް ރަނގަޅު

    19
    1
  2. Anonymous

    ސުލްހަވެރިކޮށް ނުދާނެ. ތިން ރަސްކަލުންގެ ތިން ދަރިން އެބަތިބި ވެރިކަމާ ތޮޅެން ތައްޔާރަށް.

  3. ޙަސަނުބެ

    ކޮންމެ ތަނަކަށް ވަދެ އޮތަސް އެތަނަކުން މަރުބައްދަލު ކުރާނެއެވެ.