ވޯލްޑު ބޭންކުން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާގެ ބައެއް ދޫކުރަން ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ބުނީ، އަފްޣާނިސްތާނުގައި ކާބޯތަކެއްޗާއި އިގުތިސޯދީ މިނިވަންކަން ކުރިމަތިވެފައިވާ ގައުމަކަށް އެހީވުމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އާއި ޔުނިސެފް ގުޅިގެން ހިފަހައްޓާފައިވާ ބައެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖުމުލަ 280 މިލިޔަން އެމެރިކާ ޑޮލަރު ދޫކުރަން ނިންމާފައިވާކަން އިޢުލާންކުރަމުން ވޯލްޑު ބޭނުންކުން ބުނެފައިވަނީ އޭގެ ތެރެއިން 180 މިލިޔަން އެމެރިކާ ޑޮލަރު ދޫކުރުމަށް ނިންމާފައިވަނީ ވޯލްޑު ފުޑު ޕުރޮގްރާމަށްކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި ނިއުޓްރިޝަންގެ އޮޕަރޭޝަންތައް އިތުރު ކުރުމަށް ޔުނިސެފަކަށް 100 މިލިއަން ޑޮލަރު ދޭނެ ކަމަށް އެ ބޭންކުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއެކު، އެމެރިކާއާއި އެހެން އެހީދޭ ފަރާތްތަކުން ވަނީ ހަނގުރާމައިގެ 20 އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނަށް ބަރޯސާވެފައި އޮތް މާލީ އެހީ ކަނޑާލައިފައެވެ. އެގޮތުން، އެ ޤައުމުގެ ހާޑް ކަރަންސީ އެސެޓްތަކުގެ ތެރެއިން ނުވަ ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވެއެވެ.

އދ އިން ބުނާގޮތުގައި އަފްޣާނިސްތާނުގެ އާބާދީގެ 55 އިންސައްތަ ކަމަށްވާ 23 މިލިއަނެއްހާ މީހުން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ. އަދި ބަނޑުހައިހޫނުކަމާއި ހަނަފަސްކަމުގެ ސަބަބުން ނުވަ މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެފައިވެއެވެ.

ރީކޮންސްޓްރަކްޝަން ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކޮށް، އަފްޣާނިސްތާނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އދއިން އަންނަނީ ޑަބްލިއުއެފްޕީ އާއި ޔުނިސެފް މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ.