އަފްޣާނިސްތާނުގައި އަދާ ކުރާނެ ވަޒީފާއެއް ނެތިގެން، އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އަފްޣާނުގައި ދިރިއުޅޭ ރައްޔިތުން އެތައް ޝަކުވާއެއް ކުރަމުން އަންނަ އިރު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން މި މައްސަލަތައް ހައްލުކޮށް ދިނުމަށް ރައްޔިތުން ދަނީ ގޮވަމުންނެވެ.

ގުލާމް ހަޒްރަތަކީ ކާބުލްގައި ދިރިއުޅޭ ރައްޔިތެކެވެ. އޭނާގެ އާއިލާގައި ފަސް މެމްބަރުން ތިބި އިރު، ގުލާމްއަކީ ވަޒީފާއެއް ނުލިބި ހުރި ގިނަ މީހުންގެ ތެރެއިން އެކަކެވެ.

"އަހަރެންނަކީ އާއިލާގައި ހުރި އެންމެ އިސް މީހާ. ވަޒީފާއެއް ނެތުމަކީ މައްސަލައެއް. އިގްތިސާދީ އެތައް މައްސަލަތަކެއް އެބަހުރި. އަހަރެންނަށް އެހީވާނެ މީހަކު ހުރީކީ ނޫން." ގުލާމް ކިޔައި ދިނެވެ.

ކާބުލްގައި ދިރިއުޅެމުން އަންނަ އަބްދުލް ގަފޫރު ބުނީ އަފްޣާނިސްތާނުގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދޭން ޖެހޭ ކަމަށެވެ. އަފްޣާނުގައި ދިރިއުޅޭ ކޮންމެ 10 އާއިލާގެ ތެރެއިން ނުވަ އާއިލާއަކުން ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އިގްތިސާދީ މާހިރެއް ކަމަށްވާ ރެޝްތިއާ ބުނީ އަފްޣާނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެންމެ ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ދުނިޔޭގެ ގައުމުތަކާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުން ކަމަށެވެ.

"ބޭރު ދުނިޔޭގެ ގައުމުތަކާ އެކުގައި ސިޔާސީ ގޮތުން ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ. އޭރުން ބައިނަލްއަގުވާމީ ދުނިޔޭގައި އެހީތެރިކަން ލިބޭނީ،" އެމީހާ ކިޔައި ދިނެވެ.

އަފްޣާންގެ އިކޮނޮމިކް މިނިސްޓްރީން ބުނީ ބޭރު ދުނިޔޭގެ ގައުމުތަކާ މަޝްވަރާކޮށް ގުޅުން ބަދަހިކޮށްގެން އެ ގައުމުގައި މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތައުލީމް ހާސިލްކޮށްފައިވާ އެކަމަކު ވަޒީފާއެއް ނެތް ޒުވާނުން ވަނީ އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ތާލިބާން ސަރުކާރަށް ގޮވާލައިފައެވެ. ބައެއް މީހުން ބުނެފައި ވަނީ ވަޒީފާއެއް ނުލިބޭ ނަމަ، އެ ގައުމު ދޫކޮށް ދާން ތައްޔާރަށް ތިބި ކަމަށެވެ.

"އަހަރެން 16 އަހަރު ކިޔެވިން. އަހަރުމެންނާ ދޭތެރޭ އެއްވެސް ބަޔަކު ނުވިސްނާ. މި ހާލަތު މިގޮތަށް އޮން ނަމަ، އަހަރުމެން މި ތިބީ ގައުމު ދޫކޮށް ދާން ތައްޔާރަށް،" ފަރްދިން ނަމަކަށް ކިޔާ އަފްޣާން ރައްޔިތަކު ބުނެފައިވެއެވެ.