އިންޑިއާ އިން އަފްޣާނިސްތާނަށް ދިނުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ އެހީ އަވަސް ކުރުމަށް އދ. އިން އެދެފިއެވެ.

އިންސާނީ އެހީ ބޭނުންވާ ކޮންމެ ތަނަކަށްވެސް އަވަހަށް އެހީ ދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވަނީ ގޮވާލައްވައިފައެވެ. އދ. އިން މިގޮތަށް ގޮވާލެއްވީ އިންޑިއާއިން އަފްޣާނިސްތާނަށް ފޮނުވާ 50،000 ޓަނުގެ ގޮދަން އަދި ބޭސް ޕާކިސްތާނު މަގުން ގެންދަނިކޮށް ހިފެހެއްޓުމާ ގުޅިގެންނެވެ.

ތާލިބާނުންގެ ބާރުގެ ދަށުގައި މިހާރު އޮތް އަފްޢާނިސްތާނަށް ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވެދާނެ ކަމުގެ އިންޒާރު ގުޓެރޭޒް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

ޕާކިސްތާނުން ވަނީ އެގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެހީ ހިފައިގެން ދަތުރުކުރި އިންޑިއާގެ ޓްރަކްތައް އަފްޣާނިސްތާނަށް ލޭންޑްލޮކް ކުރުމުގެ ހުއްދަ ދިނުމަށް ދެކޮޅު ހަދާފައެވެ. އިންޑިއާއިން ބުނަމުންދަނީ، ކާބޯތަކެތީގެ އެހީ ގެނައުމުގައި ޕާކިސްތާނުން ޝަރުތުތަކެއް ކުރިމަތި ކޮށްގެން ނުވާނެ ކަމަށެވެ.

ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމާ ހަވާލުވުމަށްފަހު، ގުޓަރޭސްގެ އިލްތިމާސްއާ ގުޅިގެން އެކި ގައުމުތަކުން އަފްޣާނިސްތާނަށް އެހީގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ދޭން ވަނީ ވައުދުވެފައެވެ.

ތާލިބާނުންނާ މެދު އިންޑިއާއިން މައްސަލަތަކެއް އޮތް ނަމަވެސް އިންޑިޔާއިން ވަނީ އަފްއާނިސްތާނަށް އެ އެހީ ހުށަހަޅާފަ އެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީއިން މީގެ ކުރިން ވަނީ އީރާނުގައި ބިނާކުރުމަށް އިންޑިއާއިން އެހީތެރިވެދިން ބޮޑު ބަނދަރު މެދުވެރިކޮށް އަފްޣާނިސްތާނަށް އެހީ ފޮނުވާފައެވެ.