އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ޔޫއޭއީއަށް ހިނގައްޖެއެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު ޔޫއޭއީއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރެވެ.

އެމެރިކާއިން ސްޕޮންސާކޮށްފައިވާ “އަބްރަހަމް އެކޯޑްސް” ނަމަކަށް ކިޔާ ބްރޯކަރޑް އެގްރީމެންޓެއްގެ ދަށުން މިދިޔަ އަހަރު ވަނީ ދެ ގައުމުގެ ގުޅުން ރަސްމީ ސިފައެއްގައި ގާއިމް ކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިން ފެށިގެން އެންމެ ފަހުގެ ޓެކްނޮލޮޖީއާ ހަމައަށް ޑީލްތައް ރާފްޓެއް ވަނީ ހެދިފައެވެ.

އިސްރާއިލް ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޔޫއޭއީ އާއި އިސްރާއިލުގެ ލީޑަރުން އެ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން، ހާއްސަކޮށް އިގްތިސާދީ އަދި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ބެނެޓް އިއްޔެ ޔޫއޭއީއަށް ގޮސްފައިވާއިރު މިއަދު ވަލީއަހުދު ޝައިޚް މުހަންމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރި ކަމަށް އިސްރާއިލުގެ އޮފިޝަލުން ބުނެއެވެ. ބެނެޓްގެ ތަރުޖަމާނު ބުނީ މި ދަތުރުގެ ސަބަބުން އެ ސަރަހައްދަށް "އާ ހަގީގަތްތައް" ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި ދެން މި ސަރަހައްދުން ފެނިގެންދާނީ "އާ ހަގީގަތްތައް"، އަޅުގަނޑުމެން ގުޅިގެން ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން މިދަނީ،" ޔޫއޭއީގެ ރަސްމީ ވަމް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ތަރުޖަމާނު ބުންޏެވެ.

ބެނެޓްގެ މި ދަތުރުގައި ޔޫއޭއީގެ ޓެކްނޮލޮޖީ އާއި ޓްރާންސްޕޯޓް މިނިސްޓަރުންނާއި ވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްރާއިލުގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.