ތުރުކީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 50.7 ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދުގެ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުޣާން ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން އަންގާރަ ދުވަހުގައެވެ. މި ދަތުރުފުޅަކީ އިންވެސްޓްމަންޓް ހޯއްދެވުމުގެ ބޭނުމުގައި އެމަނިކުފާނު އަރަބި ގައުމުތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ދައުލަތުގެ ނޫސް އެޖެންސީ ޑަބްލިއުއޭއެމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސްޓްރެޑިޝަން އެއްބަސްވުމާއި ހަކަތައާއި ގުދުރަތީ ވަސީލަތްތައް ތަރައްގީކުރުމާއި ޖައްވީ އަދި ދިފާއީ އެއްބާރުލުން ހިމެނޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އުރުދުޣާނާއި ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަބޫދާބީގެ ސޮވަރިން ވެލްތު ފަންޑު އޭޑީކިއު އިން ބުނީ ތުރުކީގެ ބިންހެލުމަށް ރިލީފް ބޮންޑެއްގެ ގޮތުގައި 8.5 ބިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސް ކުރުމަށް އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާ ކަމަށެވެ.
އެކްސްޕޯޓް ކްރެޑިޓް ބޭންކް އޮފް ތުރުކީއާ އެކު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގައި އޭޑީކިއު އިން ވެސް ތުރުކީގެ އެކްސްޕޯޓްތަކަށް އެހީތެރިވުމަށް ތިން ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީތަކަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވެއެވެ.
"އަޅުގަނޑުމެން ސޮއިކުރާ ޖޮއިންޓް އެގްރީމަންޓާއެކު އަޅުގަނޑުމެންގެ ގުޅުންތައް ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ފެންވަރަށް މަތިކުރާނަން،" ތުރުކީގެ ދައުލަތުގެ ޓީވީން ގެނެސްދިން ވާހަކައިގައި އުރުދުޣާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އިންވެސްޓްމަންޓް ޕްރޮމޯޝަން، ސެކިއުރިޓީ، އިއާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ގާނޫނީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރަން،" އުރުދުޣާން ވިދާޅުވިއެވެ.
އަރަބި ގައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އޭނާ ވަނީ ސައުދީ އަރަބިއްޔާއާއި ގަތަރަށްވެސް ޒިޔާރަތް ކުރައްވައިފައެވެ.