ތުރުކީގެ މަޝްހޫރު ޝެފް ބުރެކް އޮޒްޑިމިއަރ އޭނާގެ ބައްޕަގޮވައިގެން ކޯޓަށް ދިޔުމަށް ނިންމައިފިއެވެ.

ބުރެކް އޭނަގެ ބައްޕައާއި ދެކޮޅަށް ކުރަން ނިންމާފައިވަނީ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެންނެވެ.

މިއަހަރު ފެބްރުއަރީ މަހު ތުރުކީއަށް އައި ބިންހެލުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެހެންކަމުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބޭނުންވެގެން ބަލާލިއިރު ބުރެކް އަށް ދަތިތަކެއް ކުރިމަތިވާން ފެށިއެވެ. އޭނަގެ ބައްޕަގެ މައްސަލަ ފެންމަތިވެގެން އައީ އެހިސާބުންނެވެ.

ބުރެކް އޮޑްޒިމިއަރ ގެ ބައްޕަ ހަސަން އޮޑްޒިމިއަރ، އޭނާގެ ބްރޭންޑްގެ ނަމުގައި އެހެންމީހުންނަށް ރެސްޓޯރެންޓް ހިންގުމަށް ހުއްދަ ވިއްކަމުންދިޔައީ އޭނަގެ ހުއްދަ އާއި ނުލައިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ބައްޕަ އެނާގެ މީޑިއާ ކުންފުނި ކަމަށްވާ ހަތާޔާ މީޑިޔާ މެދުވެރިކޮށް ބުރެކް އޮޑްޒިމިއަރ ގެ ނަން ބޭނުން ކޮށްގެން، އޭނާގެ ހުއްދަޔާއި ނުލައި ލޯނުތައް ނަގައިފައިވާ ކަމަށް ބުރެކްއާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އަދި އެގޮތައް ހޯދި ފަންޑު ތަކުން އޭނާގެ ބައްޕަ ލަގްޒަރީ ބްރޭންޑް ތަކުގެ ކާރު ފަދަ އަގުބޮޑު ތަކެތި ގަނެފައިވާކަމަށް ބުރެކް އޮޑްޒިމިއަރ އޭނާގެ ބައްޕައާއި މެދު ކުރާ ތުހުމަތުތަކުގައި ވެއެވެ. ބުރެކް އޮޑްޒިމިއަރގެ ބައްޕަ އޭނާގެ ހުއްދަ ނެތި އޭނާގެ ބްރޭންޑްގެ ނަމުގައި 41 މިލިއަން ޑޮލަރުގެ ހުއްދަ ވިއްކައިފައިވެއެވެ.

މިމައްސަލަ ކޯޓަށް ވައްދައި މައްސަލަ ކުރިޔަށް ގެންދިޔުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ ބުރެކް ދަނީ އޭނާގެ މިލްކިއްޔާތުގައި ހުރި އަގުބޮޑު ތަކެތި ވިއްކުމަށް މަސައްކަތް ކުރަމުންނެވެ. އަދި ދުނިޔެ ބަލައިގަނެފައިވާ އޭނާގެ ނަމާއި އޭނާގެ ބްރޭންޑްގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި އައު ރެސްޓޯރެންޓެއް ހުޅުވުމަށް މިހާރު އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް މާލީ ގޮތުން ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ގޮތުން އޮޑްޒިމިއަރ ވަނީ އޭނާގެ ލަގްޒަރީ ކާރުތައް ވިއްކައިލައިފައެވެ.

ބުރެކްގެ ތުހުމަތުތަކަށް އޭނަގެ ބައްޕަ ވަނީ ދެކޮޅު ހަދާފައެވެ. ބުރެކް އޮޑްޒިމިއަރ އޭނާގެ ބައްޕަ ހަސަން އޮޑްޒިމިއަރ އާއި ދެކޮޅަށް އުފުލައިފައިވާ ދައުވާތަކުގެ އަޑު އެހުންތައް ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.