ރަޝިއާ އިން ހައްޔަރު ކޮށްގެން ގެންގުޅުނު ޔޫކްރޭން އަސްކަރިއްޔާގެ އިސް ޖެނެރަލުންތަކެއް މިނިވަން ކުރުުމުގައި ތުރުކީވިލާތް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހެދި އެއްބަސްވާއި ތުރުކީވިލާތުން ހިލާފުވެއްޖެ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ތުރުކީވިލާތް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ރަޝިއާ އިން ވަނީ ޔޫކްރޭންގެ ފަސް ކޮމާންޑަރަކު ދޫކޮށްލާފައެވެ. ނަމަވެސް ފަސް ކޮމާންޑަރުން ދޫކޮށްލިއިރު ރަޝިއާ އިން އޮތީ އެފަސް މީހުންނަށް ހަނގުރާމަ ނިމުމުގެ ކުރިން އިސްތަންބޫލް ފިޔަވައި އިތުރު ތަނަކަށް ނުދެވޭނެކަން ތުރުކީވިލާތުން ކަށަވަރު ކުރަން ޖެހޭނެކަން ޝަރުތުކޮށްފައެވެ.

އެޝަރުތު އެގޮތައް އޮތްނަމަވެސް ޔޫކްރޭންގެ ރައީސް ޒެލެންސްކީ މިހަފްތާ ބަންދުގައި ތުރުކީވިލާތައް ކުރެއްވި ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާން އާއި ބައްދަލު ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވީ އިސްތަންބޫލްގައި ތިބެން ޝަރުތުކުރި ފަސް ކޮމާންޑަރުންނާއިއެކުއެވެ. ޒެލެންސްކީ ވަނީ ފަސް ކޮމާންޑަރުން އޭނާގެ ޖެޓްގައި އެނބުރި ޔޫކްރޭނަށް ވަޑައިގެންނެވުމުގެ ކުރިން އެކުގައި ނަގާފައިވާ ފޮޓޯއެއް އާއްމު ކޮށްފައެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާން ވަނީ ތުރުކީވިލާތުން ރަޝިއާ އާއިއެކު ވެފައި އޮތް އެއްބަސްވުމާއި ހިލާފު ވެއްޖެ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަޝިއާ ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ އެއްބަސްވުމާއި ހިލާފުވި ނަމަވެސް ފަސް ކޮމާންޑަރުން ދޫކޮށްލުމާއި ގުޅޭ ގޮތުން މިހާތަނަށް ތުރުކީވިލާތުން އެއްވެސް އެއްޗެއް ރަޝިއާ އަށް އަންގާފައި ނެތް ކަމަށެވެ.

ފަސް ކޮމާންޑަރުން ދޫކޮށްލުމުން ރަޝިއާ އާއި ތުރުކީވިލާތުގެ ގުޅުން ގޯސް ވާނެ ކަމަށް ބެލެވުނު ނަމަވެސް ތުރުކީވިލާތުގެ ރައީސް އުރުދޮޣާން އާއި ރަޝިއާގެ ރައީސް ޕޫޓިން އަންނަ މަހު ބައްދަލު ކުރުމަށް ތާވަލް ކޮށްފައި އެބައޮތެވެ.

އެބައްދަލުވުމުގައި ކަޅު ކަނޑު ހުރަސްކޮށް ޔޫކްރޭންގެ މުދާ ބޭރު ކުރުމާއި ގުޅޭ ގޮތުން ޕޫޓިން އާއި މަޝްވަރާ ކުރާނެ ކަމަށް އުރުދޮޣާން ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރޭންގެ އިތުރު އަސީރުން މިނިވަން ކުރުމާއި ގުޅޭ ގޮތުން ވެސް ޕޫޓިން އާއި މަޝްވަރާ ކުރާނެ ކަމަށް އުރުދޮޣާން ވަނީ ވިދާޅުވެފައެވެ.