ގްރީސްގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އެހީތެރިވި ތުރުކީ އަށް ޝުކުރު އަދާކޮށްފިއެވެ.

ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ތުރުކީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ތުރުކީވިލާތުން ގްރީސްއަށް އަލިފާން ނިއްވާ ދެ މަތިންދާ ބޯޓާއި ހެލިކަޕްޓަރެއް ވަނީ ފޮނުވައިފައެވެ.

ގްރީސްގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކިސް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ގްރީސް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުން އަލިފާން ނިއްވާ މަތިންދުއްވާ ބޯޓަކާއި ހެލިކަޕްޓަރެއް ފޮނުވާފައިވާތީ އެކަމާ ޝުކުރު އަދާކުރާ ކަމަށެވެ.

ގްރީސްގެ ޖަންގަލިތަކުގައި ރޯވި އަލިފާން ނިއްވާލުމުގައި ތުރުކީއިން ފޮނުވި ހެލިކޮޕްޓަރ ހަރަކާތްތެރިވަނީ

މިކަމާއި ގުޅިގެން، ގްރީސްގެ ޚާރިޖީ ވަޒީރުވެސް ވަނީ ތުރުކީވިލާތަށް ޝުކުރު އަދާކޮށްފައެވެ.

"އަލިފާން ނިއްވަން ތި ދިން އެހީތެރިކަމަށް ތުރުކީއަށް ޝުކުރިއްޔާ"، ގްރީސްގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީޑީއާ ރިޕޯތްތައް ބުނާގޮތުން މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ގްރީސްގެ ސަރުކާރުން ދަނީ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ތުރުކީގެ އެހީތެރިކަމާއެކު މިހާރު އެ އަލިފާނގަނޑު ވަނީ ނިއްވާލެވިފައެވެ. މިކަމުގައި ތުރުކީގެ އިތުރުން އެތައް ގައުމަކުން ގްރީސް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ގްރީސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެޤައުމުގެ ސިފައިން ހަރަކާތްތެރިވަނީ

ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކައިރި އަވަށްތަކުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އެގޮތުން މިހާތަނަށް 30،000 މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި ގްރީސްގެ ހޫނުމިން މިހާރު ވަނީ 45 ޑިގްރީ ސެލްސިއަސް އަށް މައްޗަށް އަރާފައެވެ.