ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ރައީސްގެ ކޮއްކޯފުޅު ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ޔޫ.އޭ.އީގެ ރައީސް، އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ފޯނުން ގުޅުއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވުމަކީ ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ އިޙްލާޞްތެރި ތަޢުޒިޔާ ޔޫ.އޭ.އީގެ ޝާހީ ޢާއިލާއާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާންގެ ޢާންމު ޚިދުމަތްތަކަށް ވަނީ ތައުރީފް ކުރައްވާފައެވެ. އެކަންކަމަކީ ޔޫ.އޭ.އީ.ގެ ރައްޔިތުން ލޯތްބާއެކު އަބަދުވެސް ހަނދާން އާކުރާނެ ކަންތައްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެމަނިކުފާނު ޤައުމަށްޓަކައި ކުރެއްވި ޚިދުމަތްތަކުން އަންނަން އޮތް ޖީލުތަކުން ހިތްވަރު ލިބިގަންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީ.ގެ ރައީސް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް އަޚްވަންތަކަމުގެ ގުޅުމާއި އެގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.