ބޭރު ގައުމެއްގެ މީހަކު ލަންކާގެ ރައްޔިތަކާއި ކައިވެނިކުރާނަމަ ޑިފެންސް މިނިސްޓްރީގެ ކްލިއަރެންސް ހޯދަން މަޖުބޫރުކޮށްފިއެވެ.

އަލަށް ހެދި ގަވާއިދުގެ ދަށުން ކައިވެނީގެ ކުރިން ބޭރު ރައްޔިތުން ސެކިއުރިޓީ އަދި ސިއްހީ ކްލިއަރެންސް ހޯދަން ޖެހެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ލަންކާއިން އެކުލަވާލި މި އާ އުސޫލަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެތެރޭގައި، އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމުއިއްޔާތައް ވެސް ހިމެނެއެވެ. އިދިކޮޅު މެމްބަރުން އެ ގަވާއިދަށް ފާޑުކިޔަމުން ބުނެފައި ވަނީ ވެރިކަން ކުރާ އާއިލާގެ ގިނަ މެމްބަރުންނަކީ ދެގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުން ކަމަށެވެ.

ރަޖިސްޓްރާ ޖެނެރަލް ޑަބްލިއުއެމްބީ ވެރަސެކަރާ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އާންމުކުރެއްވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ، މި ނިންމުން ނިންމާފައިވަނީ ގައުމީ ސަލާމަތާ ބެހޭ ސަބަބުތަކަށްޓަކައި ކަމަށެވެ. އެ ސާކިއުލާގައި ބުނެފައިވަނީ ބޭރު ގައުމުތަކުގެ މީހުންނާއި، ލަންކާ ރައްޔިތުން ކައިވެނިކުރުމުގެ ސަބަބުން ގައުމީ ސަލާމަތަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައިވާގޮތުން، ސެކިއުރިޓީ ކްލިއަރެންސް ރިޕޯޓުގައި ފާއިތުވި 6 މަސްދުވަހު ކުށެއް ކޮށްފައިވޭތޯ ބަލާނެއެވެ. އަދި މި ރިޕޯޓު ހޯދަން މަޖުބޫރުކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުން ފަދަ ކަންކަން ކުރުމުގެ ބޭނުމުގައި ލަންކާ މީހުންނާއި އެހެން ގައުމުތަކުގެ މީހުން ކައިވެނި ކުރާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅަކީ ބޭރު މީހުން ނުބައި ނިޔަތުގައި ލަންކާ މީހުންނާއި ކައިވެނިކުރުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން އެޅުން މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއްލާ

    މީރާއްޖޭގަވެސް ކުރަންރަންގަޅުކަމެއް އަދި ދިވެހިއަންހެނަކާ އިންނަ ބިދޭސީމީހާ އެއްމިލިއަން ޑޮލަރު ނޮންރިފަންޑަބަލް ޓްރަސްޓްފަންޑެއްގަ ޑިޕޮސިޓްކުރަންވެސް ޖެހޭގޮތަށް ގާނޫނެއްހަދަންވީ ދިވެހި އަންހެނުންގެ ވެލިއު އެބަޖެހޭ މަތިވާން ކޮބާތިބޭފުޅުންގެ ޚިޔާލަކީ

  2. އާވިމް

    ރަނގަޅު ނިންމުމެއް. ކާކުތޯ ބަލަންޖެހޭ.