ސްރީލަންކާއާ 300 ކިލޯމީޓަރު ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

4.3 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ބޭ އޮފް ބެންގަލްއަށެވެ. މިއީ ސްރީލަންކާގެ އިރުމަތީ އައްސޭރިއާއި 300 ކިލޯ މީޓަރު ދުރެވެ.

ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯ އޮފް ސްރީލަންކާއިން ވަނީ ބިންހެލުމެއް އެ ސަރަހައްދަށް އަައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ 21 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ލަންކާގެ އެއްވެސް މީހަކަށް އަދި އެއްވެސް ސަރަހައްދަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނީ ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނުތޯ ބަލަމުން އަންނަ ކަމަށާއި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކަށް އަދި މިހާތަނަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިގެން ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

ލަންކާ އަކީ ބިންހެލުން އައުން މަދު ގައުމެކެވެ. އެގައުމަށް އެންމެ ފަހުން ބިންހެލުމެއް އައީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. އެފަހަރު ބިންހެލުން އައީ 4.7 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އެބިންހެލުމުގައި ވެސް ލަންކާ އަށް ބޮޑު ގެއްލުމެއް ނުލިބެއެވެ.