ތައިލެންޑުގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވި ވައިލްޑް ބޯރ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު ސަލާމަތްކުރުމަށް ހޮހޮޅައިގެ ތެރޭގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރ ރިޗާާޑް ހެރިސްއަކީ އެތަނުން އެންމެ ފަހުން ނުކުތް މީހާއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ އެ ޑޮކްޓަރަކީ އެ ކުދިން ސަލާމަތް ކުރުމުގައި އެންމެ އިސް ރޯލެއް ކުޅުނު އެކަކެވެ. އޭނާ ހޮހޮޅައިން ނިކުތީ އެންމެ ފަހުންނެވެ. އެ ކުދިންނާއެކު ތިން ދުވަސް އޭނާ ހޭދަކުރިއެވެ.

ޑރ ހެރިސް، އެ ހޮހޮޅައިން ނުކުތުމާއެކު އޭނާއަށް ލިބުނީ މާ އުފާވެރި ހަބަރެއް ނޫނެވެ. އޭނާއަށް ލިބުނު ހަބަރަކީ އޭނާގެ ބައްޕަ މި ދުނިޔެއާއި އަލްވަދާއުކި ހަބަރެވެ.

ހެރިސްގެ ބައްޕަ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި އެ ކުދިން ސަލާމަތްވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ޑރ.ހެރިސްއަކީ އެޑެލްއެއިޑް އެނެސްތަޓިސްޓެއްގެ އިތުރުން އަންޑަވޯޓާ ކޭވް އެކްސްޕްލޯރާ އެކެވެ. ފީނުމުގައި މާހިރެއްކަމަށްވާއިރު، އޭނާ އެ ހޮހޮޅައިގެ ތެރޭގައި ތިބި ކުދިންނަށް ދިޔައީ އެކި ގޮތްގޮތުން ހިތްވަރުދީ އެ ކުދިން އެތަނުން ނެރުމަށް މަސައްކަތް ކުރަމުންނެެވެ.

ޑރ. ހެރިސް، ބައްޕަ މަރުވިއިރު، އޭނާ ވަރަށް އަވަހަށް ގައުމަށް އެނބުރި ދާނެކަމަށް ވެއެވެ. އަދި ބައްޕަގެ ޖަނާޒާގައި ބައިވެރިވާނެކަމަށް ވެއެވެ.

ހޮހޮޅައިގައި ތާށިިވި ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފައިވަނީ އިއްޔެއެވެ. އެކުދިން ސަލާމަތްވުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ދިޔައެވެ.

.އެ ކުދިންނާއި ކޯޗު އެތައް ދުވަހެއް ވަންދެން، އަނދިރި އަދި ނުރައްކާތެރި ހޮހޮޅައެއްގައި ތާށިވިއިރު، އެ ކުދިން ދިރިތިއްބާ ސަލާމަތްކުރެވުމުން، މުޅި ޝިއަންގ ރާއީ ސަރަޙައްދަށްވެސް ވަނީ އެކަން ފާހަގަވެސްކޮށްފައެވެ.