ކޮވިޑް-19ގެ ސަބަބުން ގައުމު ފުރަބަންދު ކުރުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޕާޓީ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮރިސް ޖޯންސަން ޕާޓީ ކޮށްފައިވަނީ އެގައުމު ފުރަތަމަ ފަހަރަށް ފުރަބަންދު ކުރުމަށްފަހު 2020 ވަނަ އަހަރުގެ މޭއި މަހުގެ 20 ވަނަ ދުވަހުއެވެ.

އެކަމާއި ގުޅިގެން އެގައުމުގެ މަޖިލިސް މެމްބަރުންނާއި އާންމުން ވަނީ ބޮރިސް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު، އޭނާ ވަނީ އެކަން ކުރި ކަމަށް އެއްބަސްވެ މާފަށް އެދިފައެވެ.

އެގޮތުން އޭނާ ބުނީ، އެދުވަހު އެ އިވެންޓަށް ދިޔަ ކަމަށާއި ދިޔައީ މުވައްޒަފުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެތަނުގައި 25 ވަރަކަށް މިނެޓު މަޑު ކުރި ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

ބޮރިސްގެ މި އަމަލާއި ގުޅިގެން އެގައުމުގެ ލޭބާ ޕާޓީންގެ ލީޑަރު ކިއާ ސްޓާމާ ބުނެފައިވަނީ އެންމެ ރަނގަޅު ގޮތަކީ މަގާމުން ރީތި ގޮތުގައި އިސްތިއުފާ ދިނުން ކަމަށާއި އޭނާ ކޮށްފައިވާ ކަމަކީ ގައުމުގެ ރައްޔިތުންނަށް ވެސް ހުތުރު ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެގައުމު އޭރު ވަނީ ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    އެހެންވެގެން އަހަރުމެން މިބުނަނީ ކޮވިޑް 19 އޭކިޔާ ޑްރާމާ އަކީ ޤައުމުތަކުގެ ސިޔާސީ މީހުން ކުޅޭ އެބައިމީހިންނަށް ވަރަށް ކަމުދާ ޑްރާމާއެކެވެ.

  2. ކީއްތަކުރާނީ

    ބޮޑުވަޒީރުންނާ ބަނގުރަލާ ހަމަ ދުރުނުވެވެނީ.