ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި މީހުން ގެއިން ނިކުތުން މަނާކޮށް ގިނަ މީހުން ބައިވެރިވާ އިވެންޓްތައް ބޭއްވުން މަނާކޮށްފައި ވަނިކޮށް ބޮޑުވަޒީރުގެ ގަނޑުވަރު ޑައުނިން ސްޓްރީޓްގައި ބަނގުރާ ބޮއެ، ބޮޑު ޕާޓީއެއް ބޭއްވީ ގަވައިދާއި ހިލާފަށްކަން ނޭނގޭ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

2020 މެއި 20 ވަނަ ދުވަހުގެ ރޭ ބޭއްވި ޕާޓީގެ ދައުވަތު މުވައްޒަފުންނަށް ދިންކަން ބޮޑުވަޒީރު ޖޯންސަން އަށް ޕާޓީ ފެށުމުގެ ކުރިން އެނގިވަޑައިގަންނަވާނެ ކަމަށް އޭރު ބޮޑުވަޒީރު ގަނޑުވަރުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޑޮމިނިކް ކަމިންސް ވަނީ ވިދާޅުވެފައެވެ.

ޑޮމިނިކްގެ ވާހަކަތަކަށް ރައްދު ދެމުން މިއަދު ޖޯންސަން ވިދާޅުވީ ޕާޓީގެ ކަންކަން ގަވައިދާއި ހިލާފުކަމަށް އެއްވެސް މީހަކު އޭނާ އަރިހު ވިދާޅުނުވާ ކަމަށެވެ. "އެއްވެސް މީހަކު އަޅުގަނޑު ކައިރިއަކު ނުދަންނަވާ މިއީ އުސޫލުތަކާއި ގަވައިދުތަކާއި ހިލާފު ކަމެއް ކަމަކަށް. އަޅުގަނޑަކަށް ނޭނގެ ގަވައިދާއި ހިލާފު މިވަރު ކަމެއް ކުރިއަށް ގެންދިޔައީ ކީއްވެ ކަމެއް." ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވި ގޮތުގައި އޭނާ އަށް މައުލޫމާތު ލިބުނު ގޮތުގައި އެއީ މުވައްޒަފުން ކުރި މަސައްކަތައް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެބައްދަލުވުމަށް ވަޑައިގެން 25 މިނެޓް ވަންދެން މުވައްޒަފުންނާއި އެކު ވަގުތު ހޭދަކުރައްވާ މުވައްޒަފުންގެ މަސައްކަތައް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ޖޯންސަން ވިދާޅުވިއެވެ. "އެއަށްފަހު ދެން އަޅުގަނޑު އަނެއްކާވެސް އެނބުރި ދިޔައީ އަޅުގަނޑުގެ މަސައްކަތައް. އޭގެ ފަހުން ހިނގި އެއްވެސް ކަމެއް އަޅުގަނޑަކަށް ނޭނގޭ." ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ އޭނާގެ ގަނޑުވަރުގައި ބޭއްވި އިވެންޓަކީ ބޭއްވިގެން ވާނެ އިވެންޓެއް ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެފަދަ ހަރަކާތެއް ބޭއްވުނީ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދޭކަމަށެވެ.

އަދި ޕްރިންސް ފިލިޕް އަވަހާރަވެ ފަސްތާނުލުން ނުނިމެނީސް ބޮޑުވަޒީރުގެ ގަނޑުވަރުގައި ޕާޓީއެއް ބޭއްވުނީތީ ރާނީ އެލިޒަބަތުގެ އަރިހުން ތަކުރާރުކޮށް މާފަށް އެދޭކަމަށް ވެސް ޖޯންސަން ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ގަނޑުވަރުގައި ޕާޓީތަކެއް ބޭއްވި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމާއިއެކު ޖޯންސަން އަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލައިގައި ޖޯންސަން މަގާމުން އިސްތިއުފާ ދެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އިދިކޮޅު މެންބަރުން ގެންދަވަނީ ޖޯންސަން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް އަދި ޖޯންސަން އިސްތިއުފާ ދެއްވުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހެ

    މިވަރު މީހަކު ބޮޑުވަޒީރުކަމުގަ ބަހައްޓައިގެން އެއުޅެނީ. ޕްރިންސް ފިލިޕް ފަސްދާނުލާ ނުނިމޭކަންވެސް ނޭނގުނީ ކަންނޭނގެ ޕާޓީ ކުރެވުނުއިރު.

  2. އަލިކޮއި

    މީ ކޮންވައްތަރެއްގެ ބޮޑުވަޒީރެއް. ބޯ އެހެރީ ހަމަ އޭނައަށް ކުރެވުނު އެންމެ ރީއްޗެއް ކޮށްފަތަ.